އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށާއި އެ މައްސަލަ ބެލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ރޭ ސުލްހަވެރިކަމާއެކު ކުރިއަށްގެންދިޔަ އިހުތިޖާޖު ހަލަބޮލިކުރުމަށް "ސަރުކާރުން ފޮނުވި ގޭންގަކުން" އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ފުޅި އުކާ ހެދިކަމަށެވެ. އަދި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އިހުތިޖާޖުގެ ބައިވެރިންގެ މޫނާއި އަނގައަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުން ކުށްވެރި ކުރާ ކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައިވަނި މެންބަރު ހުސައިން މުހައްމަދު ލަތީފް އަދި ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްއަށް ފުލުހުން ޕެޕާ ސްޕްރޭ ގިނަ އަދަދަކަށް ޖެހުމުން އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށާއި ނޫސްވެރިން ގެންގުޅުނު ތަކެއްޗަށްވެސް ގެއްލުންދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށާއި އަންހެނުންނަށާއި އިސް ރަށްވެހިންނަށްވެސް އެއްވެސް ބެލުމެއް ނެތި އަނިޔާވެރިވުމަކީ މިހާރަކަށްއައިސް ފުލުހުންގެ ކިބައިން ފެންނަމުންދާ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެވެ." އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
Disturbing scenes of Maldives police using excessive force, pepper spraying and arresting peaceful protestors. Fundamental rights to peaceful assembly and freedom of expression must be respected. pic.twitter.com/A8QtID7RBv
— Progressive Party of Maldives (@ProgressPartyMV) June 19, 2023
މީގެއިތުރުން ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އަނިޔާވެރިވުން ހައްދުފަހަނައަޅާ ގޮސްފައިވަނީ އެކަންކަން ބެލުމަށް ޤާނޫނުތަކުން ލާޒިމުކޮށްފައިވާ މުއައްސަސާތަކުން ޒިންމާ އަދާކުރުމަށް ފަސްޖެހޭތީ ކަމަށެވެ. އަދި މިމައްސަލަތައް ބެލުމުގައި ފަސްނުޖެހި މައްސަލަތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.