Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކަރީނާގެ "ދަ ކްރޫ" ގައި ކަޕިލްގެ ރޯލެއް

ބަތަލާ ކަރީނާ ކަޕޫރް މުހިއްމު ރޯލަކުން ފެންނާނެ ފިލްމު "ދަ ކްރޫ" ގެ ރޯލަކުން މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ވެސް ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.

އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ މި ފިލްމު އިއުލާންކުރި ދުވަސްކޮޅު ފިލްމުގެ ކާސްޓްގައި ކަޕިލް ހިމެނޭކަމުގެ އަޑުތަކެއް އެރި ނަމަވެސް ފިލްމުގެ ޓީމުން އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ނަމަވެސް ކާސްޓްގައި ތައްބޫ އާއި ކްރިތީ ސެނަން ވެސް ހިމެނޭ "ދަ ކްރޫ" ގައި ކަޕިލް ހިމެނޭކަން ތައްބޫ ވަނީ އިންސްޓަގްރާމް ޕޯސްޓަކުން ޔަގީންކޮށް ދީފަ އެވެ.

ފިލްމުގެ ސެޓުން ކަޕިލްއާ އެކީ ނަގާފައިވާ ފޮޓޯއާ އެކީ ތައްބޫ ވަނީ ފިލްމުގައި ހިއްސާވެ ދިނީތީ ކަޕިލް އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އަދި ކަޕިލްގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގައި ފިލްމުން ފުރުސަތު ލިބުނީތީ އޭގެ ޓީމަށް ޝުކުރު އަދާކޮށްފައިވެ އެވެ.

"ދަ ކްރޫ" އަކީ އޭވިއޭޝަން ދާއިރާގައި އުޅޭ ތިން އަންހެނަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގެ ރޯލަކުން އެކްޓަރު ދިލްޖީތު ދޮސަންޖް ވެސް ފެންނާނެ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަން އެވެ.

"ދަ ކްރޫ" ގެ ކާސްޓްގައި ކަޕިލް ހިމެނޭ އިރު، އޭނަ ކުރިން ވެސް ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މާޗްގައި ރިލީޒްކުރި "ޒްވިގާޓޯ" އެެވެ. ކަޕިލް މިހާރު ތައްޔާރުވަމުން އަންނަނީ ސޮނީ ޓީވީން ގެނެސްދޭ އޭނަގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް މެދުކެނޑުމަކަށް ގެނައުމަށް ފަހު، އެ ޝޯގެ ބައިވެރިންނާ އެމެރީކާ އަށް އަންނަ މަހު ޓުއާއަކަށްދާށެވެ. އޭގެ ތާވަލު އޭނަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.