Last Updated: July 24, 10:38
Friday, July 24, 2026
ޚަބަރު

ފްލައިނަސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި

ސައުދީ އަރަބިއްޔާގެ ފްލައިނަސް އެއާގެ ދަތުރުތައް މިއަދު ރާއްޖެ އަށް ފަށައިފި އެވެ.

އެ އެއާލައިންގެ ދަތުރުތައް މިއަދު ފެށުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ވެސް އޮތެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލޮމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން ފްލައިނަސްގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގެންނެވި އެވެ.

މި އަހަރުގެ އޮކްޓޯބަރާ ހަމައަށް ފްލައިނަސް އިން ރާއްޖެ އަށް ފެށި ދަތުރުތަކުގައި ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. އެއީ އަމްގާރަ، ބުރާސްފަތި އަދި ހޮނިހިރުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ސައުދީން ރާއްޖެ 8،367 ޓޫރިސްޓުން އައިސްފައިވެ އެވެ.