އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަކި ސިޔާސީ ބައެއްގެ މުށުތެރޭގައި ތާށިވެފައި ހުރިކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ތުހުމަތު ކުރައްވައިފިއެވެ.
ޝިފާއު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް ބާކީ އޮތީ ކުޑަދުވަސްކޮޅެއް ކަމަށެވެެ. އަދި އިލެކުޝަންސް ކޮމިޝަންގެ ރައީސް ވަކި ސިޔާސީ ބައެއްގެ މުށުތެރޭގައި ތާށިވެފަ ހުރުމަކީ އެކޮމިޝަނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލި ތަފާތު ޝައްކުތައް އުފެއްދުމުގެ ޖާގަ ލިބިގެންދާނެ ކަމެއް ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ކުޑަދުވަސްކޮޅެއްބާކީ. އިލެކުޝަންސް ކޮމިޝަންގެ ރައީސް ވަކި ސިޔާސީ ބައެއްގެ މުށުތެރޭގައި ތާށިވެފަ ހުރުމަކީ އެކޮމިޝަންއަށް ރައްޔިތުންގެ މެދުގަ އިތުބާރު ގެއްލި ތަފާތު ޝައްކުތައް އުފެއްދުމުގަ ޖާގަ ލިބިގެންދާނެ ކަމެއް. @ElectionsMv @FuadThaufeeq #PE2023
— Mohamed Shifau (@mhshifau) June 20, 2023
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތައުފީގްއަށް މިފަދައިން ތުހުމަތު ކޮށްފައިވާކަމަށް ބެލެވެނީ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދުމަށް މަސައްކަތްކުރާ "ދަ ޑިމޮކްރެސްޓްސް" ޕާޓީ އުފެއްދުމުގެ މައްސަލައިގެ ތެރެއިން ކަމަށެވެ.
ފުއާދް ބައެއް ގެ ނުފޫޒުގައި ހުރިކަމަށް އިސީގެ ދެ މެންބަރުން ކަމަށްވާ އަލީ ނަޝާތު އަދި މުހައްމަދު އާސިފްވެސް ތުހުމަތު ކޮށްފައިވާއިރު އެ ދެ މެންބަރުން ވަނީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމަށްވެސް ވޯޓު ދީފައެވެ.