ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންގޮސް މަޖިލިސް ހުއްޓިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އެ ދެބޭފުޅުން އަންނަނީ ދެކޮޅު ހައްދަވަމުންނެވެ.
މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ ރައީސް ކަމަށެވެ. އަދި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަންޖެހޭނީ ނައިބު ރައީސް ކަމަށެވެ.
ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން ރައީސް ނަޝިދު ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން ހާމަކުރުމުން މިދިޔަ ހަފްތާއިން ފެށިގެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން އައީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަށް އުޒުރުވެރިވެވަޑައިގެން ރިޔާސަތު ނުބަަލަހައްޓަވާ އެހެން ފަރާތަކަށް ރިޔާސަތު ހަވާލުކުރެވޭނި 3 ޖަލްސާއަށް ކަމަށް ބަޔާން ކޮށްފައިވެއެވެ. އެގޮތުން ތިން ވަނައަށްވާ ޖަލްސާ ބާއްވާފައިވަނީ އިއްޔެއެވެ.
އިއްޔަ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މިކަމުގެ ހައްލަކަށް އޮތީ ކޮންމެވެސް އެއް މައްސަލައެއް ނެންގެވުން ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮންޓްރޯލް މަޖިލީހުގައި އޮތުމުން އެކަން ކުރެއްވުމަށް އެދޭކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ދުވަހެއް އަދި މިކަން ހައްލުކުރުމަށް އަމަލުކުރާނޭ ގޮތެއް ސާފެނުވެއެވެ.