Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

މަޖިލިސް 'މަރުތަޅު' އެޅުވީ ސަރުކާރުން ގަސްތުގައި

ފޮޓޯ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގައި 'މަރުތަޅު' އެޅުވީ ސަރުކާރުން ގަސްތުގައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ޑިމޮޮކްރަސީގައި ބަނަ އަދި ހިތާމަވެރި ދުވަހެއް ކަމަށެވެ.

ރައްޔިތުންގެ އަޑުއިއްވާ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމަށް އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސްކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މުހިންމު އެއް ބާރުގައި މިއަދު ސަރުކާރުން ގަސްތުގައި "މަރުތަޅު" އަޅުވާފައިވާ ކަމަށެވެ.

"މިގޮތަށް މިބަދަލު މިގެނައީ ސަރުކާރުން ގަސްތުގައި ރާވައިގެން، މަޖިލިސް ހިސޯރު ކުރުމަށް ނުވަތަ މަޖިލީހުގެ ބާރުތައް ކަނޑުވާލުމަށްޓަކައި ސަރުކާރުން ރާވައިގެން ކުރަމުންދިޔަ މަސައްކަތުގެ ނަތިޖާއެއްގެ ގޮތުން ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ކައިރިވެފައިވަނިކޮށް މިފަދަ ގޮތަކަށް ކަންކަން ހިނގުމަކީ ރާއްޖޭގައި އިންސާފުވެރި އަދުލުވެރި އިންތިހާބެއް ބޭއްވޭނެކަމާ ދޭތެރޭގައި ސުވާލު އުފެދޭކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދިމިކަމުގެ ސަބަބުން ރާއްޖޭގައި އޮތް ހަމަޖެހުން ގެއްލިދާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތްއިރު މިކަން ހައްލުކުރުމަށް ސަރުކާރުން މަޝްވަރާކޮށްގެން މަސައްކަތް ކުރުމަށް އިދިކޮޅުން ވަނީ ގޮވާލައްވާފައެވެ.