ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގައި 'ތަޅު އަޅުވާފައި' ވާކަމަށާއި މިކަމުން ފެންނަނީ ރައީސް ސޯލިހްގެ ހުދުމުހުތާރުކަން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވިއިރު، އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހަށް ގޮސް މީޑިއާއާ ބައްދަލުކޮށްފައެވެ. އެގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަޖިލީހުގައި "ބޮޑު ތަޅު" އަޅުވާފައިވަނީ ރައީސް ސޯލިހް ކަމަށެވެ.
"ހުދުމުހުތާރުކަން ނޫން ކަމެއް އަޅުގަނޑުމެންނަކަށް މިއަމަލަކުން ނުފެނޭ. އެހެންވީމަ ތަޅު ހުޅުވާފަ މިގައުމުގައި އިންސާފުވެރިކަން ގާއިމުވާނޭ މާހައުލެއް ގާއިމުކޮށްދިނުމަށް މިގޮވާލަނީ." ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ހިންގާ ވައްކަންތައް މިއަދު އެއްވެސް މިނިވަން މުއައްސަސާއަކުން ނުބަލާކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ސަރުކާރުން މަޖިލިސް ބަންދު ކޮށްގެން އުޅެނީ އެ ވައްކަންތަކުގެ ވާހަކަ ދައްކާތީ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިހާރު ގޮތް ނިންމާފައިވާކަމަށާއި އިންތިހާބުތަކުގައި ފެންނަ ނަތީޖާތައް ސާފުކަމަށެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކުގައި ޕީޕީއެމްއަށް 5 ގޮނޑި ލިބުނު ކަމަށާއި އެމްޑީޕީއަށް ލިބުނީ 2 ގޮނޑިކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީނަށް މިއަދު އޮތް ތާއީދުފެނި އެ މައްސަލައިގެ ތެރެއަށް ޖޭއެސްސީ މެދުވެރިވެގެން ނުފޫޒު ފޯރުވާކަމަށް ވެސް ވިދާޅުވިއެވެ.