Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހުޅުމާލެ އަށް 7 ބުރީގެ އޮފީސް އިމާރާތެއް

ހުޅުމާލޭގައި 7 ބުރީގެ އޮފީސް އިމާރާތެއް އަޅަން ނިންމައި އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން އާބަންކޯ އިން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ ޑިޒައިން އެންޑް ބިލްޑް އެ އޮފީސް އިމާރާތް ހަދައިދޭން ޝައުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 31 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިން އަންނަ މަހުގެ 4 ގައި ޒޫމް މެދުވެރިކޮށް އޮންނާނެ އެވެ.

އަލަށް ހަދާ 7 ބުރީގެ އޮފީސް އިމާރާތް ހަދަން ނިންމާފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ޢިމާރާތާއި ޖެހިގެން އޮތް ބިމުގަ އެވެ. އެގޮތުުން މި އޮފީސް އިމާރާތަށް 5262.61 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވެ އެވެ.

ޒަމާނީ ފެންވަރަށް ހަދަން ނިންމާފައި އޮފީސް އިމާރާތަކީ އާބަންކޯ އާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހަދާ ތަނެކެވެ. މީގެ އިތުރުން އެ ތަނުގައި ވިޔަފާރީގެ ބޭނުމަށް ޚާއްސަ ޖާގަތަކާއި،ޕާކިން ޖާގަތަކާއި ޓެރެހެއް ވެސް އެކުލެވޭނެ އެވެ.

ހުޅުމާލޭގައި މިހާރު އަންނަނީ އުމަރު ޒާހިރު ބިލްޑިންގުގެ ނަމުގައި ވެސް އޮފީސް އިމާރާތެއް ހިންގަމުންނެވެ.