Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފްލެޓު އަތުނުލިޔަސް ޖޫރިމަނާއަށް ލުޔެއް ނުދޭނެ!

އެއްކޮށްލި ހިޔާ ދެ ފްލެޓް 4 ކޮޓަރީގެ އެޕާޓްމެންޓަކަށް ބަދަލުކޯށްފައި

ހިޔާ ފްލެޓުގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި ފްލެޓު އަތުނުލި ކަމުގައިވިއަސް، ކޮށްފައިވާ ޖޫރިމަނާއަށް ލުޔެއް ނުދޭނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

ހިޔާ ދެ ފްލެޓެއް އެއްކޮށްލި މައްސަލައެއް ފެންމަތިވުމާއިއެކު އާބަންކޯއިން އެކަން ބަލައި، ދެ އެޕާޓްމެންޓުގެ ވެރިފަރާތްތަކުން، ކޮންމެ ފަރާތެއް 100،000ރ. ޖޫރިމަނާކުރިއެވެ. މި ޖޫރިމަނާގެ މުއްދަތު ހަމަވެ، އެޕާޓްމެންޓް ކުރިން ހުރި ގޮތަށް ބަދަލު ކުރަން އެންގި އެންގުމަށްވެސް ޢަމަލު ނުކުރުމުން އެކުންފުނިން ވަނީ އެޕާޓްމެންޓް އަތުލަން ނިންމާފައެވެ.

ނަމަވެސް ކޯޓު މެދުވެރިކޮށް އެޕާޓްމެންޓު އަތުލުން ހުއްޓުވަން މަސައްކަތްކޮށް ނާކަމިޔާބުވުމުން އެ ފަރާތްތަކުން ވަނީ އެޕާޓްމެންޓް މެދު ފާރު ރާނަން 3 މަސް ދުވަހުގެ މުއްދަތެއް އެދިފައެވެ. އެކަމުގައި މަސައްކަތް ފެށުމަށް 7 ދުވަހުގެ މުއްދަތެއް އާބަންކޯއިން ދިނުމަށްފަހު، މިހާރު މަސައްކަތް ފަށާފައިވުމުން އެފަރާތުގެ އަތުން އެޕާޓްމެންޓް އަތު ނުލަން ވަނީ ނިންމާފައެވެ. ނަމަވެސް އެޕާޓްމެންޓް އަތު ނުލިއަސް ދެ އެޕާޓްމެންޓަށް އެއްކޮށް ކޮށްފައިވާ 200،000ރ. ޖުރިމާނާއަށް ލުޔެއް ނުދޭނެކަން މިރޭ އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އާބަންކޯއިން ބުނީ، ފްލެޓުގެ ވެރިފަރާތައް ކުރި ހުރިގޮތަށް ބަދަލު ކުރުމަށް ދިން މުއްދަތު އިތުރުކުރީ އެފަރާތުން ހުށަހެޅި ސަބަބުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. އާބަންކޯއިން ވަނީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ފްލެޓު އަތުލަން މަސައްކަތް ކުރުން ހުއްޓާލި ނަމަވެސް، މިފަދަ ކަންކަމުގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން އެކުންފިނިން ވަނީ ބުނެފައެވެ. ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ އެއްބަސްވުމުގައި އެއްވެސް ސްޓަކްޗަރަލް ބަދަލެއް އާބަންކޯގެ ހުއްދަނެތި ނުކުރެވޭނެ ކަމަށް ފްލެޓްވެރިންނާއި އެއްބަސްވެގެންނެވެ.

މިދެ އެޕާޓްމެންޓް އެއްކޮށްގެން 4 ކޮޓަރީގެ އެއް އެޕާޓްމެންޓަށް ބަދަލު ކުރިއިރު، މި ދެއެޕާޓްމެންޓުގެ ވެރިންނަނީ އައިލީ ގުޅުން އޮންނަ ބައެއް ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.