މިއަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް އައްޑޫގައި ފާހަނގަ ކުރުމަށް އައްޑޫ ފްރެންޑްސް އާއި އައްޑޫ ސިޓީ ކައުންސިލް އަދި އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމެޓީން ނިންމައިފިއެވެ.
އައްޑޫގައި އީދު ފާހަނގަލުރުމުގެ ކަންތައް ވަރަށް ބޮޑަށް ވަޅުޖެހިފައި ވަނިކޮށް، އައްޑޫ ފްރެންޑްސް ޖަމިއްޔާއިން އިސްނެގި ހަރަކާތުގައި، އައްޑޫ ޕޮލިސް އަދި އެމްެއެންޑީއެފް ސަދަން އޭރިއާގެ އިތުރުން، އައްޑޫގެ ސްކޫލްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގެ، މީޑިއާ ޕާޓްނާއެއްގެ ގޮތުގައި، "އައްޑޫލައިވް" ހަރަކާތްތެރިވަމުން ގެންދާނެއެވެ.
އީދު ހަރަކާތް ފާހަނގަކުރުމުގެ ގޮތުން، ކުރިއަށް ގެންދާ ހަރަކާތުގެ މަގްސަދަކީ އައްޑޫ ރައްޔިތުން ޢީދުގެ އުފަލުގައި ބައިވެރިކޮށް މުނިފޫހިފިލިވުމާއި އައްޑޫގައި ދިރިއުޅޭ ކުޑަކުދިންގެ ހިތްތަކުގައި އެކިއެކި ދާއިރާތަކަށް ޝައުޤުވެރިކަން އުފެއްދުމާއި، އެކުދިންގެ ހުނަރުތައް ދައްކާލުމުގެ އިތުރުން އާއިލާއާއި އެކު އުފާވެރި މާހައުލެއްގައި ހިތްހަމަޖައްސާލުމަށް ފުރުސަތު ހޯދައި ދިނުން ކަމަށް އައްޑޫ ފްރެންޑްސް އިން ބުނެއެވެ.
އައްޑޫ ފްރެންޑްސް އިން ބުނީ މި އިވެންޓްގެ ހަރަކާތް 3 އޮކްޓޫބަރުވާ ހުކުރު ދުވަހު ހަވީރު 4 އިން ފެށިގެން އެރޭގެ 11 ޖެހުމާއި ހަމައަށް ކުރިއަށްގެންދާނެކަމަށެވެ.