Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

100 ވުރެ ގިނަ ބައިވެރިންނާ އެކީ ފުޑް ކާނިވަލް ފަށައިފި

އާބަންކޯ ފުޑް ކާނިވަލްގެ ތެރެއިން / ފޮޓޯ: އާބަންކޯ

އާބަންކޯ ފުޑް ކާނިވަލް 100 އަށް ވުރެ ގިނަ ބައިވެރިންނާއި އެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.

މި ކާނިވަލް ރަސްމީކޮށް ހުޅުއްވައި ދެއްވީ އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފް އަދި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިސްމާޢިލް ރަޝީދު އެވެ. އާބަންކޯގެ ފުޑް ކާނިވަލް އަކީ ތިންކް އެސޯސިއޭޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް ބަލައިލެވޭ ގޮތަށް ސްޓޯލްތައް ބެހެއްޓިފައި ހުންނާނެއެވެ. އަދި ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ޕްރޮޑަކްޓްތައް ދައްކާލުމުށާއި މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އާބަންކޯއިން ހާމަކުރެއެވެ.


މިކާނިވަލް ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އާބަންކޯގެ މޭނެޖިންގް ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، އިޖްތިމާޢީ ގުޅުން ބިނާކުރެވޭ މިފަދަ ހަރަކާތްތަކަށް އާބަންކޯގެ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ. އަދި އާބަންކޯގެ ކުދި ވިޔަފާރިތަކާށާއި އެ ބައެއްގެ ހުނަރު ދައްކާލަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އެ ޕްލެޓްފޯމް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

މިފަހަރުގެ ފުޑް ކާނިވަލް އަކީ މިގޮތަށް ބޭއްވޭ އެންމެ ބޮޑު ކާބޯތަކެތީގެ މިފަދަ ކާނިވަލް ކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން 100 އަށް ވުރެ ވިޔަފާރި އަދި ކާބޯތަކެތީގެ ދައިރާގައި އުޅޭ ފަރާތްތަކުން ކާނިވަލްގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފަރާތްތަކާއި ބައިނަލްއަޤްވާމީ ފަރާތްތައްވެސް ހިމެނެއެވެ. މިއަދު ކާނިވަލް ހުޅުވިގެން ދިޔައިރު، މި ކާނިވަލް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.