Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ރޮނާލްޑޯގެ 200 ވަނަ މެޗު، ޕޯޗުގަލަށް މޮޅެއް

ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 200 ވަނަ މެޗުގައި ޖަހައިދިން ގޯލާ އެކު އެ ޓީމުން 1-0 އިން އައިސްލޭންޑް ބަލިކޮށްފި އެވެ.

އަންނަ އަހަރު ބާއްވާ ޔޫރޯ ކޮލިފައިންގައި ރޭ ޕޯޗުގަލް ހޯދި މޮޅާއެކު އެޓީމު އޮތީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު ގްރޫޕް ޖޭގެ އެއްވަނައިގަ އެވެ. ދެވަނައިގައި 10 ޕޮއިންޓާ އެކު ސްލޮވާކިއާ އޮތްއިރު އައިސްލޭންޑަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އައިސްލޭންޑްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޕޯޗުގަލް އިން ކާމިޔާބު ކުރީ މެޗުގެ 89 ވަނަ މިނެޓްގަ އެވެ. އެގޮތުން ރޮނާލްޑޯ މި ގޯލު ކާމިޔާބުކޮށްދިނީ ގޮންސާލޯ އިނާސިއޯ ބޮލުން ދިން ޕާހަކުން އައިސްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލް ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 123 ވަނަ ގޯލެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ،38، ބުނީ ގައުމީ ޓީމަށް 200 މެޗު ކުޅެދިނުމަކީ ހާއްސަ ކާމިޔާބެއް ކަމަށާއި އަދި މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދެވުމުން މި ކާމިޔާބީ އިތުރަށް ހާއްސަ ވެގެން ގޮސްފައިވާ ކަމަށެވެ.

"200 މެޗުން ގައުމީ ޓީމަށް ކުޅެދެވުމުން އުފާވޭ. އެކަމަކު މެޗުން މޮޅުވުން އެއަށް ވުރެ މާ ހާއްސަ،" ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް 2003 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވި ފަހުން ވެސް އަންނަނީ ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ.