ހިންދީ ސިނަމާ އަށް ކޮށްދެމުން އަންނަ ހިދުމަތްތަކުގެ އަގުވަޒަންކޮށް، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރަށް ހާއްސަ ޝަރަފެއް ދީފި އެވެ.
އިއްޔެ ހައުސް އޮފް ލޯޑްސްގައި އޮތް ހަފުލާއެއްގައި އިނގިރޭސި ޕާލިމަންޓްގެ ފަރާތުން ކަރަން އަށް ވަނީ އެކަމުގެ ރަސްމީ ލިޔުން ވެސް ހަވާލުކޮށްފަ އެވެ. މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ކަރަން ބުނީ އޭނަގެ މަސައްކަތް އިނގިރޭސިވިލާތުން ފާހަގަކޮށް، ހާއްސަ ޝަރަފެއް ދިނުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
މި އަހަރަކީ 51 އަހަރުގެ ކަރަން ޑައިރެކްޝަނަށް ނުކުތްތާ 25 ވަނަ އަހަރެވެ. އަދި އޭނަ އަށް ހިންދީ ސިނަމާ އަށް ކޮށްދެމުން އަންނަ ހިދުމަތްތަކުގެ އަގު އިނގިރޭސި ޕާލިމަންޓުން ފާހަގަކުރި އިރު، އިއްޔެ ވަނީ ކަރަންގެ 7 ވަނަ ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޓީޒާ ވެސް ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.
އަންނަ މަހުގެ 28 ސިނަމާތަކަށް ގެންނަ މި ފިލްމަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ އެއްޗެކެވެ.
ކަރަން އަކީ ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހިންގަމުން، މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ އެއް ޕްރޮޑަކްޝަން ހައުސް އެވެ.
އިނގިރޭސި ޕާލިމަޓުން ކަރަން އަށް ހާއްސަ ޝަރަފެއް ދިން އިރު، އޭނަ ބައެއް ފިލްމުތައް އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަލަށް ޑައިރެކްޓްކުރި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އަދި 2016 "އޭ ދިލް ހެ މުޝްކިލް" ހިމެނެ އެވެ.
މީގެ ތެރެއިން "ކަބީ ހުޝީ ކަބީ ޢަމް" އަކީ އިނގިރޭސިވިލާތުގައި ވަރަށް މަޝްހޫރުވި އަދި އެ ގައުމުން ބޮޑު އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ.
އިނގިރޭސިވިލާތަކީ އަބަދު ވެސް ބޮލީވުޑް ފިލްމުތަކުގެ ވަރަށް ބޮޑު މާކެޓެކެވެ.