Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

ކްރޮސްރޯޑްސްގައި ބޮޑުމަސް ގެލެރީ ހުޅުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ބޮޑުމަސް ގެލެރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޮޑުމަސް ގެލެރީ ރަސްމީކޮށް ހުޅުވައި، ފުރަތަމަ މައުރަޒު "ކަލެކްޓެޑް" އިއްޔެ އެ ތަނުގައި ދައްކާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހެރިޓެޖް އެންޑް ކަލްޗަ މިނިސްޓަރ ޔުމްނާ މައުމޫންގެ އިތުރުން ބައެއް އެމްބަސީތަކުގެ އިސްވެރިން އިއްޔެގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މިމައުރަޒުގެ ކުރެހުންތައް ބައްލަވާލައްވާފައިވެއެވެ.

ބޮޑުމަސް ގެލެރީ އިން މައުލޫމާތުދޭ ގޮތުގައި، މި މަޢުރަޒު ހުޅުވުމުގެ ގޮތުން އެޅުވި "ކަލެކްޓެޑް" އަކީ ދިވެހި އަދި ބައިނަލްއަޤުވާމީ ފަންނުވެރިންގެ މަސައްކަތުގެ ތެރެއިން ދިވެހި ރާއްޖޭގެ ދިރިއުޅުމާއި، ސަޤާފަތާއި، ކުލަތަކާއި މަންޒަރުތައް ދައްކުވައިދޭ މަޢުރަޒެކެވެ. މިމަޢުރަޒުން ދައްކުވައިދެނީ ފާއިތުވި ފަސް އަހަރު ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކާލެވިފައިވާ މަސައްކަތްތަކެވެ. އެގޮތުން މިކުރެހުންތައް ވަނީ، އެމެރިކާގެ ނިއުޔޯކާއި ލަންޑަން، ބްރަސަލްސް އަދި މާލޭގައި ވެސް ދައްކާފައެވެ.

މިމަސައްކަތްތައް ދައްކާލުމުގެ މައިގަނޑު މަޤުސަދަކީ ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ޒަމާނީ ފަންނުވެރިކަން ދައްކާލުން ކަމަށް ބޮޑުމަސް ގެލެރީ އިން މައުލޫމާތު ދީފައިވެއެވެ. 15 އަށް ވުރެ ގިނަ ފަންނުވެރިންގެ އެކިއެކި މަސައްކަތްތައް މިގެލެރީ އިން ފެންނަން ހުންނާނެއެވެ. "މި ގެލެރީ ވެގެންދާނީ، އެކިއެކި ބައިނަލްއަޤުވާމީ ގެލެރީތަކާއި އެއްކޮށް މަސައްކަތްކޮށް، ގްރޫޕް މައުރަޒުތަކާއި ވަކިވަކި ފަންނުވެރިންގެ މައުރަޒުތައް ބޭއްވުމުގެ އިތުރުން، އާޓު ކުލާސްތަކާއި ވޯކްޝޮޕްތަކާއި އަދި އެހެނިހެން އެކިއެކި ފަންނުވެރިކަން އާންމުންނާއި ހިއްސާކުރާތަނަކަށް،" ބޮޑުމަސް ގެލެރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖަސްޓީން ރެއިނާ ވިދާޅުވިއެވެ.

ބޮޑުމަސް ގެލެރީއަކީ އާޓް ގެލެރީ މާލެ އިން ކްރޮސްރޯޑްސްގައި ހުޅުވި މައުރަޒެކެވެ. މިމައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ކްރޮސްރޯޑްސްގެ މެރީނާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ލިބިގެންދާނެއެވެ.