Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

މެޖޯރިޓީ އޮތަސް ކަންކަން ކުރަން ވާނީ ގަވައިދާ އެއްގޮތަށް

ފޮޓޯ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތްނަމަވެސް ސަރުކާރުން ކަންކަން ކުރަންޖޭނީ މަޖިލީހުގެ ގަވައިދާއި ގާނޫނާ އެއްގޮތްވާގޮތަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މަޖިލީހުގެ ގަވައިދަށް އިސްލާހު ހުށަހަޅައިގެން އޭގެ މަސައްކަތް ކުރަން އުޅުނަސް އެކަން ނުކުރެވޭނެ ކަމަށާއި އަމަލުކުރަންޖެހޭނީ މިހާރުވެސް އޮތް މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ. ޝިޔާމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ކަންކަން ކުރަންޖެހޭނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށާއި މެޖޯރިޓީ ލީޑަރުގެ ޒިންމާއަކަށް ވާނީވެސް ގަވައިދާ އެއްގޮތަށް ކަންކަން ކުރުން ކަމަށެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށަހަޅާފައިވަނީ ގަސްތުގައި މަޖިލިސް ތަޅުއެޅުވުމަށް ކަމަށެވެ.

"ރައްޔިތުންނަށް ހެޔޮ އެދޭނަމަ ރަނގަޅު ގޮތަކަށް ވާނީ، މިހާރުވެސް އެބޭފުޅުންގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތަތީވެ، ކޮންމެވެސް އެއްބޭފުޅެއްގެ ނަން އަނބުރާ ގެންދަވަންވީ. ކޮންމެވެސް އެއްބޭފުޅެއްގެ ނަންފުޅު އަނބުރާ ގެންދެވީމާ މަޖިލިސް ބާރަށް ކުރިއަށް ދާނެ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މެޖޯރީ އޮތެއް ކަމަކު ކަންކަން ކުރަންވާނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށާއި ޤާނޫނާ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަންކަން ކުރާނަމަ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރާނެ ކަމަށެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން މަޖިލިސް ހުއްޓުވައިގެން އުޅޭ މައިގަނޑި ސަބަބަކީ މިނިވަން މުއައްސަސާތަކަށް ބިރު ދައްކާ ފަނޑިޔާރުންނަށް ނުފުޒު ފޯރުވުމަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް މިހާ ވަގުތު ކުޑަތަންވެފައިވަނިކޮށް ސަރުކާރުގެ ނާގާބިލުކަމުގެ ވާހަކަ މަޖިލީހުގައި ދައްކާ އެމައްސަލަތައް ބަލަން ސަރުކާރުން ބޭނުން ނުވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އެ ދެބޭފުޅުން އަންނަނީ ދެކޮޅު ހައްދަވަމުންނެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ ރައީސް ކަމަށެވެ. އަދި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަންޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން ރައީސް ނަޝިދު ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން ހާމަކުރުމުން މިދިޔަ ހަފްތާއިން ފެށިގެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން އައީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަށް އުޒުރުވެރިވެވަޑައިގެން ރިޔާސަތު ނުބަަލަހައްޓަވާ އެހެން ފަރާތަކަށް ރިޔާސަތު ހަވާލުކުރެވޭނީ 3 ޖަލްސާއަށް ކަމަށް ބަޔާން ކޮށްފައިވެއެވެ. އެގޮތުން ތިން ވަނައަށްވާ ޖަލްސާ ބާއްވާފައިވަނީ މިހަފްތާގެ ހޯމަ ދުވަހުއެވެ. އޭގެފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.