ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިންތިޒާމުކޮށްގެން ބޭއްވި "އިންޓަ ސްކޫލް ލަވަ މުބާރާތު" ގެ ނަތީޖާ އަންނަ ހޮނިހިރު ދުވަހު ފާޅުކުރަން ތައްޔާރުވާން ފަށައިފި އެވެ.
މުބާރާތުގައި ވާދަކުރި ދަރިވަރުން ލަވަތައް ހުށަހެޅުން ކުރިއަށް ދިޔައީ މި މަހުގެ 16-20 އަށެވެ. މުބާރާތުގައި 32 ސްކޫލަކުން 267 ދަރިވަރުން ވާދަކުރި އެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
މި ފަހަރުގެ މުބާރާތުގައި ހަތް ފަނޑިޔާރުން ހިމެނެ އެވެ. އެއީ ކާނަލް އަލި މަނިކު (ދާރި)، އާދަމް ނަސީރު އިބްރާހީމް، ޝިފާ ތައުފީގު، މުޙައްމަދު އާމިރު އަހުމަދު (ފަރެސް)، މަރިޔަމް އުނޫޝާ، މުހައްމަދު ސުހައިލް އަދި ފާތިމަތު ފެޒްލީން އެވެ.
"އިންޓަ ސްކޫލް ލަވަ މުބާރާތް" މި އަހަރު މި ބޭއްވީ 8 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ޓީވީއެމުން 1988 ގައި ފެށި މުބާރާތް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ.
މި ފަހަރުގެ މުބާރާތަކީ ޕީއެސްއެމާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އާޓްސް މިނިސްޓްރީ އަދި ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ހިއްސާވެގެން ބޭއްވި މުބާރާތެކެވެ.