ފިރިމީހާ އަޖޭ ދޭވްގަނާ އެކީ ދެން ފިލްމެއް ކުޅޭ ނަމަ ބޭނުން ވަނީ ކުރިން ދެ މީހުން އެކީގައި ކުޅެފައި ނުވާ އާ ޖޯންރާއެއްގެ ފިލްމެއް ކަމަށް ކާޖޮލް ބުނެފި އެވެ.
ދެމަފިރިން އެކީގައި ރޭޑިއޯ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި އަޖޭ ބުނީ ދެ މީހުންނަށް މި ފަހުން ވެސް ވަރަށް ގިނަ ސްކްރިޕްޓްތަކެއް ލިބުނު ކަމަށެވެ. އެކަމަކު ދެ މީހުން ވެސް ހިތްހަމަޖެހޭ ވަރުގެ އެއްޗަކާ ލައްވާނުލާ ކަމަށް ބުންޏެވެ.
"ވާ ގޮތަކީ އަހަރެމެން ދެ މީހުންނަށް އެއްވަރަކަށް ހިތްހަމަޖެހޭ ވަރުގެ ސްކްރިޕްޓަކާ ދިމާ ނުވަނީ. އަހަންނަށް ސްކްރިޕްޓެއް ކަމުދިޔަސް އެއީ ކާޖޮލް ހިތްހަމަޖެހޭ ވަރުގެ އެއްޗަކަށް ނުވޭ،" އަޖޭ ބުންޏެވެ. "އަދި ކާޖޮލް އަށް ކަމުދާ އެއްޗެއް ދިމާވާ ފަހަރެއްގައި އެއީ އަހަންނަށް ކަމުދާ އެއްޗަކަށް ނުވޭ."
އެ ވާހަކަތަކާ ވިއްދައިގެން ކާޖޮލް ބުނީ ދެމަފިރިން އެކީގައި މިހާތަނަށް ވަރަށް ގިނަ ޖޯންރާތަކުގެ އެއްޗެހި ކުޅެވިއްޖެ ކަމަށެވެ. އޭގެ ތެރޭގައި ރޮމޭންސް، އެކްޝަން، ތުރިލާ، ޑްރާމާ އަދި ވަތަނީ/ތާރީހީ ފިލްމެއް ވެސް ހިމެނޭ ކަމަށް ބުންޏެވެ.
"އެހެންވެ ދެން އަސްލު ބޭނުން ވަނީ އަޖޭއާ އެކީ ކުރިން ކުޅެފައި ނުވާ ޖޯންރާއެއްގެ ފިލްމެއްގައި މަސައްކަތްކުރަން." ކާޖޮލް ބުންޏެވެ.
އެ ވާހަކަ އަށް ތާއީދުކޮށް އަޖޭ ބުނީ، ދެމަފިރިންނަށްވީތީ ކޮންމެހެން އެކީގައި ފިލްމު ކުޅެން މުހިއްމު ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޮއްޓަރު ހުރި، އުމުރާ ގުޅޭ އަދި ކަމުދާ ކަހަލަ ކެރެކްޓާތަކެއް ކުޅުން މާ މުހިއްމު ކަމަށް ބުންޏެވެ.
ކާޖޮލްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 29 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް 2" އެވެ. އަދި އޭނަގެ އަލަތު ވެބް ސީރީޒް "ދަ ޓްރަޔަލް" އަންނަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭނެ އެވެ.
ކާޖޮލް މިހާރު ފިލްމީ މަސައްކަތްކުރާލެއް މަދަސް، އަޖޭ އަކީ ބޮލީވުޑްގެ އެންމެ ހިނގާ، އެންމެ ބިޒީ އެއް އެކްޓަރެވެ.
މި ދެމަފިރިން އެކީގައި އެންމެ ފަހުން ކުޅުނު ފިލްމަކީ އަޖޭ އަށް ނެޝަނަލް އެވޯޑް ވެސް ލިބުނު 2020 ގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ. އަޖޭ އާއި ކާޖޮލް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހަލްޗަލް"، "ދިލް ކިޔާ ކަރޭ"، "ޕިޔާރު ތޯ ހޯނާ ހިތާ"، "އިޝްގު"، "ރާޖާ ޗާޗާ" އަދި "ޔޫ، މީ އޯރް ހަމް" ހިމެނެ އެވެ.