Last Updated: July 20, 18:10
Monday, July 20, 2026
ދުނިޔެ

ޗައިނާގެ ރައީސަކީ ޑިކްޓޭޓަރެއް: ބައިޑެން

ޗައިނާގެ ރައީސް ޝޯ ޖިންޕިން އަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ފާޑު ވިދާޅުވެއްޖެ އެވެ.

ކެލިފޯނިއާގައި އިއްޔެ ބޭއްވި ކެމްޕޭން ފަންޑްރައިޒިން އިވެންޓެއްގައި ބައިޑެން ވިދާޅުވީ ޗައިނާ އަކީ އެމެރިކާ އަށް ވަރަށް ދުއްތުރާ ކުރާ ގައުމެއް ކަމަށާއި އެކަމަކު އެފަދަ ކަންކަމުގައި ޝީ ހުންނަވަނީ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ހެދިވަޑައިިގެން ކަމަށެވެ.

ބައިޑެން ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާ އަށް ޖާސޫސްކުރަން ޗައިނާގެ ބެލޫނެއް އެމެރިކާ ސަރަހައްދަށް އަރުވައި އެންމެ ފަހުން އެއަށް ހަމަލާދީ ވައްޓައިލުމުން ވެސް ޝީ ހުންނެވީ ވަރަށް މައުސޫމް ބޭފުކަށް ވެވަޑައިގެން ކަމަށެވެ. އަދި އެކަމާ ޝޯ ވަރަށް ކޯފާވެވަޑައިގެން އުޅުއްވި ކަމަށް ބައިޑެން ވިދާޅުވި އެވެ.

"ކަންކަން ކުރައްވާފައި އެނގިވަޑައިނުގަންނަވާ ކަމަށް ހެދުމަކީ ޑިކްޓޭޓަރުންގެ ސިފައެއް. މިހާތަނަށް ޗައިނާގެ ރައީސްގެ ފަރާތުން އަހަންނަށް ފާހަގަކުރެވުނު ކަމަކީ އެއީ. ބެލޫން ވައްޓާލި ހާދިސާއާ ގުޅިގެން ޝީ ވަރަށް ލަދުން ވެސް އުޅުއްވި." ބައިޑެން ވިދާޅުވި އެވެ.

އޭނަ ޗައިނާގެ ރައީސަށް ބަހުގެ ހަމަލާތަކެއް ދެއްވި އިރު، މި ހަފުތާގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެން ޗައިނާ އަށް ވަޑައިގެން ޝީއާ ބައްދަލުކުރައްވާފައި އެވެ. އަދި ދެ ގައުމުގެ މެދުގައި ހުރި ނުތަނަވަސްކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ބްލިންކެންގެ މި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށް އެމެރިކާ އިން ބުނެފައިވެ އެވެ.