އިދިކޮޅު ފަރާތްތަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުނުކުރައްވަނީ ހިތްވަރު ނެތުމުން ކަމަށް އިދިކޮޅު ކޯލިޝަނާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރައީސް ސޯލިހާ ބައްދަލުކުރުމަށް މަސައްކަތް ކުރަމުންގެންދާއިރު މިއަދުވެސް ވަނީ ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ގޮސްފައެވެ. އެހެންނަމަވެސް މިއަދުވެސް އިދިކޮޅު ފަރާތްތަކާ ރައީސް ސޯލިހް ބައްދަލުކުރައްވާފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުން ނިކުމެވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހާ ބައްދަލުކުރުމަށް ރައީސް އޮފީހަށް ދަނީ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ކަމަށާއި އެންމެ ބޮޑު ކަންބޮޑުވުމަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ހައްދެއް މިނެއް ނެތި" އަނިޔާކުރަމުން ދިއުން ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ވައްޓާލާފައި އޮތްވަރަކީވެސް އޮތް ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ދެ މަހަށް ކައިރިވެފައިވާއިރު ރައްޔިތުންނަށް ގައުމުގެ ހާލަތު އެނގެންޖެހޭކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ކަންކަން އޮތްގޮތް އަދި ހާލަތު ރައްޔިތުންނަށް ތިލަކޮށްދެވޭނީ އިދިކޮޅަށް ކަމަށެވެ. އަދި ރައީސް ސޯލިހާ ބައްދަލުކުރުމަށް ދަނީ އިދިކޮޅު ޕާޓީއަށް އޮތް ޒިންމާ އަދާކުރުމަށް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރައީސް އޮފީހަށް އަންނަނީ ރައީސް ސޯލިހާ ބައްދަލު ކުރުމަށް ކަމަށާއި އެހެންނަމަވެސް އެކަން ނުވާކަމަށެވެ. ކޮންމެދުވަހަކުވެސް އިދިކޮޅަށް ޖަވާބު ދިނުމަށް ރައިސް އޮފީހުން އަންނަނީ އިދާރީ ބޭފުޅެއް ކަމަށާއި، އެހެންނަމަވެސް ރައީސް އޮފީހަށް ދަނީ ސިޔާސީ ގޮތުން ގައުމަށް ދިމާވެފައިވާކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްކަމަށްވެފައި ސިޔާސީ ބޭފުޅަކާ ބައްދަލުނުވާތީ އަބްދުއްރަހީމް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
"[ރައީސް އޮފީހަށް] އައިސްގެން އަޅުގަނޑުމެންނަކަށް ރައީސް ސޯލިހް ބައްދަލެއް ނުކުރައްވާ. ރައީސް ސޯލިހް ގައިގާ އެ ހިއްވަރެއް ނެތް. އެވަރުގެ ހިއްވަރެއް ނެތިއްޔާ ކީއްކުރަންތޯ އެ ގޮނޑީގަ އިންނަވަންވީ، އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ ވަޑައިގަންނަވަން ވީނޫންތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ސޯލިހް ގާނޫނުއަސާސީއަށް ބޮޑުތަނުން ހިލާފުވެފައިވާކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހް ޤާނޫނުއަސާސީއާ ހިލާފުވެއްޖެތޯ ނުވަތަ ނޫންތޯ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެންގެވުމަށް މިއަދު ބަލަންޖެހޭ ކަމަށެވެ.
ރާއްޖޭގެ މަސްކަނޑުން ބައެއް "ވިއްކާލާފައި" ވަނީ ކަނޑައެޅިގެން ޤާނޫނުއަސާސީ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ. އެކަން ކޮށްފައިވަނީ ސިއްރު ސިޓީއެއް ފޮނުވައިގެން ކަމަށާއި އެކަންކުރުމުގެ އިޚްތިޔާރު ރައީސް ސޯލިހަށް ލިބިގެން ނުވާކަމަށްވެސް ވިދާޅުވިއެވެ.