Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

އާނަންދުގެ އާ ފިލްމު ދަނޫޝްއާ އެކީ

ތަމަޅަ އެކްޓަރު ދަނޫޝް ވެސް ހިމަނައިގެން ބޮލީވުޑްގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ ގެނެސްދިން ފިލްމު "އަތުރަންގީ ރޭ" އަށް ފަހު އަނެއްކާ ވެސް ދަނޫޝްއާ އެކީ ފިލްމެއް ގެނެސްދޭން އިއުލާންކޮށްފި އެވެ.

މި ފަހަރުގެ ފިލްމަކީ "ތެރޭ އިޝްގު މޭ" އެވެ. މީގެ ޓީޒާއެއް މިއަދު ދައްކައިލި އިރު، އޭގައި ވަނީ ދަނޫޝްއާ އެކީ އާނަންދު 2013 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ރާންޖަނާ" ގެ ހަނދާނެއް ވެސް އާކޮށްފަ އެވެ. އެހެންވެ ބެލެވޭ ގޮތުން އާ ފިލްމު ވެސް ވާނީ ސޯނަމް ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ރާންޖަނާ" ފަދައިން ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމަކަށެވެ.

ނަމަވެސް "ތެރެ އިޝްގު މޭ" ގެ ބަތަލާ އަކީ ކާކު ކަމެއް އަދި ހާމައެއްނުކުރެ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ހިމާންޝޫ ޝަރުމާ އާއި ނީރަޖް ޔާދަވް އެވެ. އަދި ފިލްމުގެ މިއުޒިކް ހަދަނީ އާންމުކޮށް އާނަންދުގެ ފިލްމުތަކަށް މިއުޒިކް ހަދައިދޭ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާނެވެ.

ބެލުންތެރިންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމު ވެސް ގެނެސްދިން އާނަންދުގެ 2021 ގެ "އަތުރަންގީ ރޭ" އަކީ ދަނޫޝް އާއި ސާރާ އަލީ ޚާން ލީޑް ރޯލު ކުޅުނު ފިލްމެކެވެ. އަދި އޭގެ ހާއްސަ ރޯލެއް އަކްޝޭ ކުމާރު ވެސް ކުޅުނެވެ.

"ތެރެ އިޝްގު މޭ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އާނަންދު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ އަކްޝޭގެ މިދިޔަ އަހަރުގެ "ރަކްޝާ ބަންދަން" އެވެ.