Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޖޯންގެ "ވެދާ" ގައި ޝަރުވާރީ

އެކްޓަރު ޖޯން އަބްރަހަމްގެ އާ ފިލްމު "ވެދާ" ގެ ބަތަލާއަކަށް ޝަރުވާރީ ވާގް ހިމަނައިގެން އޭގެ ޝޫޓިން ފަށައިފި އެވެ.

ޝަރުވާރީ އަކީ މިދިޔަ އަހަރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދިން "ބަންޓީ އޯރް ބަބްލީ 2" އިިން ބޮލީވުޑަށް ތައާރަފުކުރި ބަތަލާއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ސްޓޫޑިއޯ އިން ސަލްމާން ޚާނާއި ޝާހްރުކް ޚާނާ އެކީ ހަދަން ނިންމާފައިވާ "ޓައިގާ ވާސަސް ޕަތާން" ގެ ކާސްޓްގައި ވެސް ޝަރުވާރީ ހިމެނެ އެވެ.

ބަތަލާ ކެޓްރީނާ ކައިފްގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރަން މިދިޔަ އަހަރު ރާއްޖެ އަށް ކުރި ދަތުރުގެ ބައިވެރިންގެ ތެރޭގައި ވެސް ހިމެނޭ ޝަރުވާރީ އަށް ޖޯންގެ "ވެދާ" އިން ފުރުސަތު ލިބުނު އިރު، މީގެ ޑައިރެކްޓަރަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ނިކިލް އަދުވާނީ އެވެ.

އިއްޔެ ރާޖަސްތާނުގައި ޝޫޓިން ފެށި މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ. "ކަލް ހޯ ނަ ހޯ" އާއި "ސަލާމޭ އިޝްގު" އަދި "ޑީ-ޑޭ" ފަދަ ފިލްމުތައް ގެނެސްދިން ނިކިލްގެ އެންމެ ފަހުގެ ފިލްމަކީ ޖޯންއާ އެކީ ގެނެސްދިން 2019 ގެ "ބަތުލާ ހައުސް" އެވެ.

ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" ގެ ކާސްޓްގައި ވެސް ހިމެނުނު ޖޯންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތެހެރާން" އަދި "ތާރިގު" ހިމެނެ އެވެ.