Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މިދިޔަ މަހުގެ އެކްސްޕޯޓު 37 ޕަސެންޓް މައްޗަށް

ހުޅުމާލެ ޕޯޓް -- / ފޮޓޯ: އެމްޕީއެލް

މިދިޔަ މޭއި މަހު ރާއްޖޭގެ އެކްސްޕޯޓު 37 އިންސައްތަ ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން އާމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މޭއި މަހާއި އަޅާ ބަލާއިރު، މިއަހަރު 285 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. މިއީ 37 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެކްސްޕޯޓު އިތުރުވެފައިވާއިރު، އެކްސްޕޯޓުގެ ބޮޑުބައެއް ހިއްސާ ކުރަނީ މަހުގެ ބާވައްތަކެވެ. އަދި އެންމެ ގިނައިން ބޭރު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެ ޤައުމަށް 175 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، ދެން އެންމެ ގިނައިން ބޭރުކުރީ އިންގިރޭސިވިލާތަށެވެ. އެ ޤައުމަށް 48 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ.


މިއާއެކު ރާއްޖެ އެތެރެކޮށްފައިވާ މިންވަރުވެސް މިމުއްދަތުގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން ތެޔޮ ހިމަނައިގެން ޖުމްލަ 4.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކައެވެ. މިއީ 5 އިންސައްތައި ކުރިއެރުމެވެ. އަދި ތެޔޮ ނުހިމަނާނަމަ 3.8 ބިލިއަން ރުފިޔާއެކު 13 އިންސައްތައި ކުރިއެރުމެއް ލިބޭ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ރާއްޖެއަށް މުދާ އެންމެ ގިނައިން އެތެރެކުރި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި އޮމާން ހިމެނެއެވެ. އެންމެ ގިނައިން އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 901 މިލިއަން ރުފިޔާގެ މުދަލެވެ. އިމްޕޯޓުގެ ބޮޑުބައި ހިއްސާ ކުރަނީ، ކާބޯތަކެއްޗާއި، މެޝިނަރީތަކާއި ތެލާއި ގޭހެވެ. އެގޮތުން ތެލާއި ގޭހުން މިދިޔަ މަހުގެ 834 މިލިއަން ރުފިޔާގެ އަގު ކުރެވޭ ވަރަށް އެތެރެ ކުރެވިފައިވާއިރު، ކާބޯތަކެތިން 813 މިލިއަށް ރުފިޔާ އަގު ކުރެވޭވަރަށް ވަނީ އެތެރެކުރެވިފައެވެ.


ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް އިތުރުވެފައިވާއިރު، ކަސްޓަމްސްއަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މޭއި މަހާއި އަޅާބަލާއިރު މިއަހަރު މިމުއްދަތުގައި ޖުމްލަ 357 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 19 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ރޯޔަލްޓީގެ ގޮތުގައި 2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.