ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރު އޮތީ ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ލިޔުންތެރިންގެ ގުޅުން ޖަމްޢީއްޔާގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޒަމާނުގެ ދަތުރުގައި މިއަދު އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިވަނީ ދިވެހި ބަހާއި މެދު ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ދަނޑިވަޅެއްގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާއި މެދު ކަންބޮޑުވާން ޖެހޭ ހާލަތައް ގޮސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރު ތިބި ކުދިންނާއި ޢިލްމީ ގޮތުންނާއި ހިލްމީ ގޮތުން ވަރަށް ވިސްނުން ތޫނު ކުދިން ކަމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ މާހައުލުގައި ބޮޑެތިވަމުން އަންނައިރު ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން އެބަތިބި ކަމަށް ވިދާޅުވިއެވެ. އަދި މިއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ޤައުމީ މައްސަލައެއް ކަމަށެވެ.
This evening, President @ibusolih attended the 13th anniversary event of the Writers' Guild of Maldives, an independent non-profit organisation that supports Dhivehi language and Maldivian culture. The event also celebrated the winners of the story-writing competition. pic.twitter.com/aMwS2XAIXt
— The President's Office (@presidencymv) June 21, 2023
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން ދެކެވެނު ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ބައެއް ކުދިން އިންގިރޭސި ބަސް ގޭތެރޭގައި ބޭނުން ކުރާކަން ވަޒީރުންވެސް ފާހަގަކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބައެއް ފަހަރު ދިވެހި ބަސް ދަސްކޮށްދިނުމަށް ފޮތްތައް ހޯދަން ބަލާއިރު ކުޑަކުދިންނާއި ގުޅޭ ރަނގަޅު ދިވެހި ފޮތްތައް ހޯދަން އުނދަގޫ ކަމަށް ފާހަގަ ކުރެއްވިއެވެ.
އެކަންބޮޑުވުންތައް ހިއްސާކޮށްދެއްވައި އެމަނިކުފާނު ވަނީ ދިވެހި ބަހުގެ އަދީބުންނާއި އުސްތާޛުން އަރިހުން، އުމުރުފުރާ އަކާއި އެކަށީގެންވާ އޮއްޓަރު ހުރި ފޮތްތައް ދިވެހި ބަހުން ލިޔެ އާންމުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. ހާއްސަކޮށް ކުޑަކުދިންނަށް ކިޔޭނެ އޮއްޓަރުހުރި އިބުރަތްތެރި ފޮތްތައް އިތުރު ކޮށް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުން 1، 2 އަދި 3 ވަނަ ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.