މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ.
ގުންޑޮގާން ،32، ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާއިރު ސިޓީން ވަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ.
ނަމަވެސް ގުންޑޮގާން ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސާ އަށް ބަދަލުވާން މިހާރު ނިންމައިފަ އެވެ. އޭނާ ގެންނަން ސައުދީގެ ބައެއް ކްލަބުތަކުން ވެސް މަސައްކަތްކޮށްފައިވެ އެވެ.
ގުންޑޮގާން ސިޓީ އަށް ބަދަލުވީ 2016 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުންނެވެ. ސިޓީ އަށް ކުޅެދިން 304 މެޗުގައި 60 ގޯލު ކާމިޔާބުކޮށްދިން ގުންޑޮގާން އަކީ ފާއިތުވި ސީޒަނުގައި ސިޓީން އަށް ތިން ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެގޮތުން މިދިޔަ ސީޒަނުގެ ފަހު 7 މެޗުގައި އޭނާ ވަނީ ހަ ގޯލު ކާމިޔާބުކޮށްފަ އެވެ.
ސިޓީއާއެކު ގުންޑޮގާން ހޭދަކުރި 7 އަހަރުތެރޭ އޭނާ ވަނީ ޕްރިމިއާ ލީގު ފަސް ފަހަރު، ދެ އެފްއޭކަޕް، ލީގު ކަޕް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގެއް ހޯދައިފަ އެވެ.
ގުންޑޮގާން ސިޓީ ދޫކޮށްލިއިރު ސިޓީން ވަނީ ޗެލްސީ އަށް ކުޅެމުން އައި ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް އެ ކްލަބަށް ގެނެސްފަ އެވެ.