Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

އިއްޔެ އަކީ އެމްޑީޕީ އަށް ފަހި ދުވަހެއް: ޒައިދު

އެމްޑީޕީން މުހައްމަދު ނަޝީދު އިއްޔެ ވަކިވެވަޑައިގެންފައިވާތީ އިއްޔެ އަކީ އެ ޕާޓީ އަށް ވަރަށް ފަހި ދުވަހެއް ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ އަކީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ކުރިއެރުމެއް ވެސް ލިބުނު ދުވަހެއް ކަމަށާއި އެކަމަށް މަރުހަބާ ވެސް ކިޔާ ކަމަށެވެ. ޒައިދަކީ ނަޝީދަކީ ލާދީނީ ފިކުރު ފަތުރަން މަސައްކަތްކުރައްވާ ކަމަށް ތުހުމަތު ކުރައްވާ ބޭފުޅެކެވެ. އަދި އެކި ކަންކަމުގައި ނަޝީދަށް ޓްވިޓާގައި ބަހުގެ ހަމަލާތައް ވެސް އާންމުކޮށް ދެއްވާ ބޭފުޅެކެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ އެ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ. ނަޝީދަކީ އެމްޑީޕީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވި އެކަކެވެ.

އެ މަނިކުފާނު ޕާޓީން ވަކިވެވަޑައިގެންނެވި އިރު، މި އަހަރުގެ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން ޕާޓީ އަށް ދެކޮޅަށް ނުކުމެވަޑައިގެންފައިވެ އެވެ. އަދި "ފިކުރެއްގެ ދިރުން" ގެ ނަމުގައި ފެކްޝަނެއް ހައްދައި، އެ ފެކްޝަން މިހާރު "ދި ޑިމޮރެކްރެޓްސް" ގެ ނަމުގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ) އަށް އޮތީ ހުށަހަޅައިފަ އެވެ.

އަމާޒަކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް ނުކުތުމެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ސަރުކާރު ކޯލިޝަންގައ ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "الحمد لله" އެވެ.