އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ އަލީ ސީޒަންގެ ބިރުވެރި ފިލްމު "ކައުޝި" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
އަންނަ މަހުގެ 19 އަށް ތާވަލުކޮށްފައިވާ މި ފިލްމަކީ މީގެ ހައެއްކަ އަހަރު ކުރިން ސްރީ ލަންކާގެ ތަރިންތަކެއް ހިމަނައިގެން އެ ގައުމުގައި ޝޫޓްކޮށް، ސީޒަން ޑައިރެކްޓްކުރި އެއްޗެކެވެ. ފިލްމު ހެދީ ސިންގަޅަ ބަހުން ނަމަވެސް، ދިވެހި އޯޑިއަންސަށް "ކައުޝި" ގެނެސްދެނީ ދިވެހި ބަހުން ޑަބްކޮށްގެންނެވެ.
މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު މިއުޒިކީ ފަންނާނެއް ކަމަށްވާ އިބްރާހީމް ނިފާރު (ތިއްތި) ގެ ވާހަކައަކަށް ހަދާފައިވާ އެއްޗެކެވެ. "ކައުޝި" ކެމެރާކޮށްފައި ވަނީ އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.
"ކައުޝި" ގެ ލީޑް ކާސްޓްގައި ހިމެނެނީ އަމިލަ ކަރްނަނަޔަކަ، ބިޔަންކާ އަމަރްސިންގްގެ އިތުރުން ރަންޖިކާ ރާޖަޕަކްޝާ އެވެ.
ސީޒަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ އޭނަ ޑައިރެކްޓްކޮށް ކުޅުނު "ލޯބިވެވިއްޖެ" އެވެ.