މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 180 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ އިރު، މިއަދަށް ސުންގަޑި ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެތަނުން ވަނީ މިއަދު މެންދުރު ފަހު 3:00 ގެ ނިޔަލަށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އީސީން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 185 ޝަކުވާއއް ހުށަހަޅާފައިވާ އިރު، އެންމެ ގިނައިން ހުށަހަޅާފައިވަ ނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހިމެނިގެންނެވެ. އެގޮތުން އެފަދަ 148 ޝަކުވާއެއް ހުށަހަޅާފައިވެ އެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވެގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ. އެފަދަ 21 ޝަކުވާއެއް ހިމެނެ އެވެ. ހުށަހަޅާފައިވެއެވެ.
ލިސްޓުގައި ނަން ނެތިގެން 10 ޝަކުވާ ހުށަހަޅާފައިވާ އިރު ދާއިރާ ބަދަލުވެގެން ތިން ޝަކުވާއަކާއި ނަން ބަދަލުވެގެން ދެ ޝަކުވާ އަދި އައިޑީ ކާޑު ބަދަލުވެގެން ޝަކުވާއެއް ހުށަހަޅާފައިވެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވަނީ ދުވަހުން ދުވަހަށް ޝަކުވާތަކަށް އެޓެންޑްކުރަމުންދާކަމަށެވެ. ދުވަހުން ދުވަހަށް ޝަކުވާތަކަށް އެޓެންޑްވަމުންދަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު ފައިނަލް ލިސްޓް ވީހާވެސް އަވަހަށް އެކުލަވާލުމަށްކަމަށް ފުއާދު ވިދާޅުވިއެވެ. ފައިނަލް ލިސްޓް އާންމުކުރުމާއެކު ދެން ލިސްޓަށް ބަދަލުނުގެނެވޭނެކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ މިމުއްދަތުގެ ތެރޭގައި ލިސްޓުގައި އެމީހެއްގެ ނަން އޮތްތޯ ޗެކްކޮށް ޝަކުވާ ހުށަހެޅުން ވަރަށް މުހިންމު ކަމަށެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު މިއަދަށްވުމަށް ފަހު، އޭގެ ފަހުން ޝަކުވާތައް ބަލައިގަތުމެއް ނޯންނާނެ އެވެ. އަދި ދާއިމީ ލިސްޓް އާންމުކުރާނީ މިހާރު ދީފައި އޮތް ސިންގަޑިއާ ހަމައަށް ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށެވެ.
ސެޕްޓެމްބަރު 9 ބާއްވާ އިންތިހާބުގައި 28،2672 މީހުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް އީސީން ބުންޏެވެ.
ލިސްޓުގައި ނަން އޮތްތޯ 1414 އަށް ގުޅައިގެންނާއި އެސްއެމްއެސްއެއް ފޮނުވައިގެން ވެސް ޗެކް ކުރެވޭނެ އެވެ. ލިސްޓު އީސީގެ ވެބްސައިޓުންނާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިން ވެސް ބެލޭނެ އެވެ.