ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެ މީހުންގެ ދަރިފުޅު ގޮވައިގެން ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ޗުއްޓީއަކަށް ހިނގައްޖެ އެވެ.
އެ މީހުން ފުރަން އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އާލިއާ އާއި ރަންބީރް ވެސް އުފަލުން ތިބެ ޕަޕަރާޒީންނަށް ޕޯސްކުރާ ތަން ފެނެ އެވެ. އެކަމަކު ދަރިފުޅު ރާހާ ކަޕޫރާ ނުލަ އެވެ. މިހާތަނަށް އަދި ދަރިފުޅު ގެންގުޅެނީ ވަރަށް ފޮރުވައިގެންނެވެ.
މިދިޔަ އަހަރުގެ އެޕްރީލް 14 ގައި ކައިވެނިކުރި އާލިއާ އާއި ރަންބީރަށް ދަރިއަކު ލިބުނީ ނޮވެމްބަރު މަހުގެ 6 ގަ އެވެ.
ބައެއް މީޑިއާތަކުން ބުނީ ދެމަފިރިން އަލަށް ދަރިފުޅާ އެކީ ޗުއްޓީ އަށް ދިޔައީ ދުބާއީއަށެވެ.
ކައިވެނީގެ ފަހުން ރިލީޒްވާ އާލިއާގެ ފުރަތަމަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަންނަ މަހުގެ 28 ގައި ސިނަމާތަކަށް އަންނާނެ އެވެ. އަދި އޭނަގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އޮގަސްޓް 11 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާނެ އެވެ.
ރަންބީރްގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓަށް ތާވަލުކޮށްފައި އޮތް "އެނިމަލް" އެވެ. ޗުއްޓީ އަށް ފުރައިގެން ދިޔަ އިރު ފާހަގަކޮށްލެވުނީ އެ ފިލްމުގެ ޝޫޓިން އަށް މިދިޔަ އަހަރުން ފެށިގެން ބޮޑު ތުނބުޅިއެއް ބަހައްޓަމުން އައި ރަންބީރު އެއްކޮށް ތުނބުޅި ބާލާފައިންކަމެވެ.