Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މަސައްކަތްތައް ނިމެންދެން ދައުރު ދަންމާލަން އެދިއްޖެ

މެމްބަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިިފައިވާ މުހިންމު މައްސަލަތައް ނިމެންދެން މަޖިލީހުގެ މިދައުރު ދަންމާލުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދަމުން އަންނައިރު ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމެވެ. އަދި ބަހުސްކުރުމަށްފަހު ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށްފަހު ހުށަހަޅުއްވާ އިސްލާހަށް އިސްލާހު ހުށަހެޅުއްވުމަށް ފުރުސަތުދީ، އެގޮތުން ހުށަހަޅުއްވާ އިސްލާހުތަކަށް ވޯޓަށް އެހުމާއި، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތާމެދު ގޮތެއް ނިންމުމަށް އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށްވެސް އެޖެންޑާގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ އެޖެންޑާ މިގޮތަށް އޮތުމުން އަސްލަމް ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލީހުގެ ބައެއް ކޮމިޓީތަކަކީ ދާއިމީ ކޮމިޓީތަކެއް ކަމަށާއި އޭގެން ބައެއް ކޮމިޓީތަކަކީ މަޖިލިސް ޗުއްޓީގައި އޮންނައިރުވެސް ކުރިއަށްދާ ކޮމިޓީތަކެއް ކަމަށެވެ. އެހެންކަމުން ކޮމިޓީތަކުގެ މައްސަލަ ކޮންމެވެސް އެއްގޮތަކަށް ނިމިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާ އޮތީ އެހެންނޫނީ މަޖިލީހުގެ އެޖެންޑާ އޮންނަގޮތަށް ނޫންކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ "ގަބޫލު ނުކުރެވުނު ކަމުގައި ވީނަމަވެސް" އެޖެންޑާއަށް އިހްތިރާމު ކުރުމުގެ ގޮތުން މިއަދު އިތުރު ޖަލްސާއެއް ބާއްވައިދިނުމަށް އެދޭކަމަށެވެ. އަދި މަޖިލީހުން އެޖެންޑާގައި ހިމެނެންޖެހޭ މުހިންމު މައްސަލަތައް ނިމެންދެން މަޖިލިސް ދައުރު ދަންމައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ދައުރު ދަންމާލުމަށް އަސްލަމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންވަނީ ތާއީދުކުރައްވާފައެވެ. އެހެންނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާއަކީ މިދައުރުގެ ފަހުޖަލްސާކަން އިއުލާނު ކުރައްވާފައެވެ.