ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތައް ހައިކޯޓުގައި ލަސްނުކޮށް ކުރިއަށްގެންދިއުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ހިނގަމުން އަންނަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ހިނގަންޖެހޭނީ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއްބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށްފަހު ކަމަށެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއެކު ކުރެވުނު މަޝްވަރާތަކުން ފެނުނީ އެފަރާތުގެ ހުދުމުހުތާރުކަން އޮތްމިންވަރުކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ޚާއްސަކޮށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމްގެ ހުދުމުހުތާރުކަން އޮތް މިންވަރު ފެނުނު ކަމަށެވެ.
"ރައީސުލްޖުމްހުރިއްޔާގެ ކެމްޕޭން މެނޭޖަރު މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް އިންނަވަންޖެހެނީ. ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތައް ބަލަހައްޓާ ކޮމިޓީގެ މުގައްރިރަކަށް އިންނަވަންޖެހެނީ އެމަނިކުފާނުގެ އަނބިކަނބަލުން. މިއީ ޑިމޮކްރަސީ." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި އެއްވެސް ވަރަކަށް ދޫދެއްވުމުގެ ވިސްނުންފުޅެއް ނެތްކަމަށާއި މައިނޯރިޓީއަށް ލިބޭ ސްލޮޓްތަކަށްވެސް ދޫދެއްވުމުގެ ވިސްނުން ނެތްކަމަށެވެ. އަދި އެއްބާރުލުން ދޭނީ މަޖިލީހުގެ ގަވައިދުގައި ބުނާގޮތަށް މަސައްކަތް ކުރާނަމަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ ސަރުކާރުން މަޖިލިސް ތަޅުއަޅުވައިގެން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާކަމަށާއި އަދި ޖޭއެސްސީއަށްވެސް ނުފޫޒުފޯރުވަމުންދާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތަކަށްވުރެއް ދަށު ކޯޓުގެ އަޑުއެހުންތައް ބާރަށް ކުރިއަށް ގެންދާކަމަށާއި އެއީ ރައިސް ޔާމީނަށް ލިބިދީފައިވާ ހައްޤުތަކަށް އަރައިގަތުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑު ގޮވާލަން ރައީސް ޔާމީންގެ މައްސަލަ ލަސްނުކޮށް ހައިކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްދެއްވަން." ޝިޔާމް ވިދާޅުވިއެވެ .
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ހައްޤަކަށް އުނިކަން އަންނަގޮތަށް ކަންކަން ކުރެވޭނަމަ އެ މައްސަލައެއް މަޖިލީހުން ބަލަންޖެހޭ ކަމަށެވެ.