Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

މަޖިލިސް މި ދައުރަށް ނިންމާލައި ޗުއްޓީ އަށް ގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލާ މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝިދު ވިދާޅުވީ މިއަދުގެ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނެފައިވާގޮތުން މަޖިލީހުގެ ޖަލްސާތައް، އަހަރުގެ ތެރޭގައި ބަހާލެވިފައިވަނީ ތިން ދައުރުގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލާ މަޖިލިސް ޗުއްޓީއަށްދިޔައިރު ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އަދި ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ނުނިމިއެވެ. އަދި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްވެސް އޮތީ ނުނިމިއެވެ.

ދައުރު ނިންމާލާ މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ މުހިންމު މަސައްކަތްތައް ނިންމުމަށް ދައުރު ދަންމާލުމަށް އެދެމުންދަނިކޮށެވެ.