ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްނުގެންގޮސް ހުއްޓުވާފައި އޮތްއޮތުން 1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ އެއްފަދަކޮށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙިމް ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުން އަދި ކޮމިޓީތައް ނުބެހި ދިގުލައިގެންދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންކުރައްވާ ގޮތުންކަމަށް އެމްޑީޕީގެ މެންބަރުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މަޖިލީހުން އެހެންގޮތަކަށް ފާސްނުކުރާހާ ހިނދަކު މަޖިލީހުގެ ކޮމިޓީތައް ކުރިން އޮތްގޮތަށް ދެމި އޮންނާނެ ކަމަށެވެ. މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް މެދު ނުކެނޑޭގޮތުގެ މަތިން ކުރިއަށް ގެންދަންވާނެކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"ހަގީގަތުގައި މިހާރު ކޮމިޓީތައް ހުއްޓުވައި، ކޮމިޓީތަކުގެ ރޫމްތަކުގައި ތަޅުއަޅުވައި މިކަން ކުރުމެކޭ، ހާޖަރާގޭ އަބްދުﷲ ލުތުފީ ހަތިޔާރު ހިފައިގެން މިރާއްޖެ އަރާ، ސިފައިންގެ ހިފުމެކޭ އެއްވެސް ތަފާތެއް ނެތް. މިހާރު ބާރުގެ ބޭނުންކޮށްގެން ކޮމިޓީތަކުގެ ދޮރުގައި ވަނީ ތަޅު އަޅުވާފައި." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ހިނގާނޭ ގޮތެއްގެ މަތިން މަޖިލިސް ހިނގަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ކަމަށާއި ބައެއް ކޮމިޓީތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމިޓީތަކެއް ކަމަށެވެ.
"އެހެންކަމުން މިއަދު ކޮމިޓީތައް ހުއްޓުވިފައި މިއޮތީ އަބްދުﷲ ލުތުފީ މިރާއްޖެއަށް އަރާ ހަތިޔާރުގެ ބޭނުން ކޮށްގެން ސިފައިންގެ ހިފަން އުޅުނުގޮތާ އެއްވެސް ތަފާތެއް ނެތް ގޮތެއްކަމުގައި އަޅުގަނޑަށް ފާހަގަވާތީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ދުވަސްވަރަކީ މަޖިލީހުގެ ތާރީހުގައިވެސް ކަޅު ދުވަސްވަރެއް ކަމަށެވެ.
މަޖިލީހުގައި އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ކޮމިޓީ ބެހުމުގެ މަސައްކަތް އަދި ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކާއި މެންބަރުން ހުށަހަޅާފައިވާ އިމްތިޔާޒްގެ މައްސަލަތައް ނުނިމި ވަނިކޮށް މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލާ ވަނީ ޗުއްޓީއަށް ގޮސްފައެވެ.