އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޕާޓީން ބުނެފިއެވެ.
ނަމަވެސް ޕާޓީ ބާއްވާ ވަކި ތަނެއް އަދި ޕާޓީން ބުނެފައި ނުވެއެވެ.
އެމްޑީޕީން ބުނީ އައްޑޫގައި ބާއްވާ ޖަލްސާއަކީ އަތޮޅުތެރޭގައި އެޕާޓީގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ބޮޑު ޖަލްސާއެއް ކަމަށެވެ.
އެމްޑީޕީންވަނީ ރޭ ކާނިވާ ސަރަހައްދުގައި އެޕާޓީގެ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ރިއާސީ އިންތިހާބްގެ ފަހުން ބޭއްވި މިޖަލްސާއަށް އެމްޑީޕީއަށް ތާއިދުކުރާ އެތައް ހާސް ބަޔަކު ވަނީ ގޮސްފައެވެ.
ނިމިގެން ދިޔަ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަލީ ފަހްމީ ބޮޑު ތަފާތަކުން ހޯއްދަވާފައިވާއިރު، އައްޑޫއަކީ މާލެ ފިޔަވައި އެމްޑީޕީގެ އެންމެ ގިނަ ސަޕޯޓަރުން ތިބި އަތޮޅެވެ.
އެމްޑީޕީގެ ސަރުކާރުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީވެސް އައްޑޫއަށެވެ.