Last Updated: June 12, 06:38
Friday, June 12, 2026
ރިޕޯޓް

ޗުއްޓީ އަށް ފުރުމުގެ ކުރިން ސަމާލުވޭ!

މިއަދު ފެށުނު ސްކޫލް ބަންދު ޗުއްޓީއާއި ކުރިއަށް މިއޮތް އީދު ބަންދު ޗުއްޓީއަކީ އަމާން ރައްކާތެރި އުފާވެރި ޗުއްޓީއަކަށް ވުމަށް އެދެމެވެ. ޗުއްޓީއަށް ފުރުމުގެ ކުރިން މިކަންކަމަށް ސަމާލުކަންދެމާ ހިނގާށެވެ.

ގެއްލިދާނެ! ތަޅުލާ

ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯ ޔަގީންކޮށްލާށެވެ. ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަގީންކޮށްލާށެވެ. ގޭ ދޮރުމަތީގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ ފައިވާން ހަރުގައި ހުންނަ ބޫޓު ތެރެއަށް ލާފައި ތަޅުދަނޑި ނުބާއްވާށެވެ.

ދުވާލަކު އެއްފަހަރު ނަމަވެސް ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމާ އަދި ގޭގައި އަލިކަން ބަހައްޓާށެވެ. ނުވަތަ ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި، ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ޒިންމާދާރު ކޮންމެވެސް މީހަކާ ހަވާލުކުރާށެވެ. އެއީ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ގޭގައި ހުންނަ އަގުބޮޑެތި މުދާ ރައްކާތެރިކުރާށެވެ. ލެޕްޓޮޕް، އައިޕެޑް، ޓެބްލެޓް، ގަހަނާ އަދި އެހެނިހެން ތަކެތި، ތަޅުލެވޭ ތަނެއްގައި ރައްކާކުރުމަކީވެސް މުދަލުގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ގޭގައި ފައިސާ ނުބަހައްޓާށެވެ.

އަލިފާނުގެ ހާދިސާއެއް ހިނގުމަށް މަގުފަހި ނުވާނޭހެން ރައްކާތެރިވޭ

ޗުއްޓީއަށް ފުރަންދިއުމަށް ގެއިން ނުކުތުމުގެ ކުރިން، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުުގެ ފިޔަވަޅުއަޅާށެވެ. ގޭސް ލީކުވާގޮތަށް ހުރިނަމަ އެކަން ރަނގަޅުކޮށްލާށެވެ. ނުވަތަ ގޭސްފުޅި ރެގިއުލޭޓަރ ނައްޓައިލާށެވެ. ގޭތެރޭގެ ކަރަންޓުގެ ހާލަތު ރަނގަޅުތޯ ކަށަވަރުކުރުމާއެކު ކަރަންޓު ޝޯޓޭޖެއް އައިސްގެން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަސް އަލިފާނުގެ ހަދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ގޭތެރޭގެ ކަންކަން ހަމަޖައްސާށެވެ.

ބޭނުންނުކުރާ ހުރިހާ ތަނެއް ކަރަންޓު ސުވިޗް އޮފްކޮށް ކަރަންޓުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ކަމެއް ދިއުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ. އޭގެ އިތުރުން، ފެން ލީކުނުވާނޭހެން އިސްކުރުތައް ރަނގަޅަށް ބަންދުކުރާށެވެ.

ސައިކަލަށް ރައްކާތެރިވޭ

ތިމާ ދުއްވާ ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ޗުއްޓީއަށް ފުރުމުގެ ކުރިން ކަށަވަރުކުރާށެވެ. އެގޮތުން، މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކުރާށެވެ. ހުންގާނު ލޮކްކޮށް އަދި ޝަޓަރ ވެސް ލޮކްކޮށްލާށެވެ. ތަޅުދަނޑި ޖަހާފައި ނުބަހައްޓާށެވެ. ނުވަތަ އިތުބާރުކުރެވޭ ޒިންމާދާރު މީހަކާ ހަވާލުކުރާށެވެ.

ދަތުރަށް ފުރުމުގެ ކުރިން މި ކަންކަން ފުރިހަމަކުރޭ

ކަނޑު އުޅަނދު ދަތުރަށް ފުރުމުގެ ކުރިން، އެ އުޅަނދަކީ އެ ކުރަން ބޭނުންވާ ދަތުރަށް އެންމެ އެކަށޭނަ އުޅަނދުތޯ ޔަގީންކުރާށެވެ. އުޅަނދުގައި ސަލާމަތީގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިހުރިތޯ ބަލައި ޔަގީންކުރުމަކީ އެ އުޅަނދު ދުއްވާ މީހާ ބަލަންވާނެކަމެކެވެ. ލައިފްޖެކެޓް، އަލިފާންނިވި، ފަސްޓްއެއިޑް ބޮކްސް، ދިޔަހިއްކުމަށް ބޭނުންކުރާ އާލާތްތައް، ނެވިގޭޝަން އާލާތްތައް އަދި މުވާސަލާތީ ވަސީލަތްތައް ހަމައަށްހުރިތޯއާއި އެ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބަލަންވާނެއެވެ.

އުޅަނދުގެ އިންޖީނު ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމާއި އެއްވެސް މައްސަލައެއް އުޅޭނަމަ އެ މައްސަލައެއް ހައްލުކޮށްގެން ނޫނީ ދަތުރަށް ނުފުރުމަށް އިލްތިމާސްކުރަމެވެ. އަދި ހަމަ އެހެންމެ ދަތުރަށް ބޭނުންވާވަރަށް ތެލާއި ކާބޯތަކެއްޗާއި ބޯފެން ހުރިތޯ ބަލައި އެ ތަކެތި ހަމަކޮށްގެން ނޫނީ ދަތުރަށް ނުފުރުމަށްވެސް އިލްތިމާސްކުރަމެވެ.

މޫސުމާ ބެެހޭ ގައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ހާއްސަ ސަމާލުކަމެއްދޭށެވެ. ރީނދޫ، އޮރެންޖު އަދި ރަތް ސަމާލު ނެރެފައިވާނަމަ އެ ސަރަހައްދަކަށް ދަތުރަށް ނުފުރުމަށް އިލްތިމާސްކުރަމެވެ. މި ކުލަތަކުގެ ސަމާލުތައް ނެރެފައިވާނަމަ، ނުވަ މީޓަރަށްވުރެ ކުދި އުޅަނދުގައި މީހުން އުފުލުމާއި އެ ފަދަ އުޅަނދު ދުއްވުމަކީ މަނާކަމެކެވެ. ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ކެޕްޓަން އަދި އުޅަނދުން ދަތުރުކުރާ މީހުންވެސް، ދަތުރުކުރާ ސަރަހައްދުގެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި މޫސުން ކުރިއަށް ލަފާކުރާގޮތް ބަލަންވާނެއެވެ. އަދި ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފަޅުވެރިންނަށާއި އުޅަނދުން ދަތުރުކުރާ މީހުންނަށް އުޅަނދުގެ ކެޕްޓަން މައުލޫމާތު ދޭންވާނެއެވެ.

ދަތުރަށް ފުރުމުގެ ކުރިން އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފްޖެކެޓު އެޅުމަށް އިލްތިމާސްކުރަމެވެ. މީހުން އުފުލުމަށް އަދި މުދާ ބަރުކުރުމަށް އެ އުޅަނދަކަށް ހުއްދަދީފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުމާ އަދި މީހުން އުފުލުމަކީ މަނާކަމެއްކަމާއި އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކުރަމެވެ.

މިކަންކަމަށް އިތުރަށް ސަމާލުވޭ

ޗުއްޓީ ދުވަސްވަރަކީ ދަތުރު ދިއުމާއި މޫދަށް އެރުންވެސް އިތުރުވާނެ ދުވަސްވަރެކެވެ. އެހެންކަމުން ދަތުރު ދިއުމާއި މޫދަށްއެރި އުޅުމުގައި ތިމާއާއި އަނެއްކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭށެވެ. އޮޔާއި ދިޔަވަރަށް ވިސްނައި، މޫދަށް އެރުމުގެކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ. ވަކިން ހާއްސަކޮށް، މޫދަށްއެރި އުޅުމުގައި ކުޑަކުދިންގެ ކޮންމެ ހަރަކާތެއް ވީހާވެސް ގާތުން ބަލައި އެކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭށެވެ.

މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމަށް ކުރަަމުންދާ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާށެވެ. އެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި ހަދިޔާ ލިބިގެންކަމަށްބުނެ ގުޅާ މީހުންނަށް ޖަވާބުދާރީ ނުވާށެވެ. ކޭޝްކާޑުގެ މައުލޫމާތާއި އޯޓީޕީ ކޯޑު ފަދަ މުހިންމު މައުލޫމާތު ހިއްސާނުކުރާށެވެ. ގޮތް ނޭނގޭ މީހުން ފޮނުވާ ލިންކުތަކަށް ނުވަންނާށެވެ.

ނޯޓް: މިއީ ފުލުހުންގެ އާޓިކަލެކެވެ.