ކެރިއަރުގައި މިިހާތަނަށް އެންމެ ގަޔާވެގެން ކުޅުނު ފިލްމަކީ މި މަހުގެ 29 ގައި ރިލީޒްކުރަން އޮތް "ސަތިއަޕްރޭމް ކީ ކަތާ" ކަމަށް އެ ފިލްމުގެ ބަތަލު ކާތިކް އާރިއަން ބުނެފި އެވެ.
މިހާތަނަކަށް ކާމިޔާބު ފިލްމުތަކެއް ކުޅެ، ބެލުންތެރިންގެ ލޯބި ހޯދާފައިވާ 32 އަހަރުގެ އެކްޓަރު ބުނީ "ސަތިއަޕްރޭމް" އަކީ އެ ފިލްމާ ދޭތެރޭ އަބަދު ވަރަށް ފަހުރުވެރިވާނެ ފިލްމެއް ކަމަށެވެ. އަދި އެ ވާނީ އޭނަގެ ކެރިއަރުގައި އަބަދު ވެސް އެންމެ ހާއްސަ ފިލްމަށް ކަމަށާއި އޭގެ ހަނދާންތަައް އަބަދު ވެސް ހިތު ތެރޭގައި އާވާނެ ކަމަށް ބުންޏެވެ.
"ތެދަށް ބުނަންޏާ ކެރިއަރުގައި އެހާ ކޮމިޓްމަންޓް ދީގެން މަސައްކަތް ކުރެވުނު ފިލްމެއް މި ނޫނީ ނެތް. އަހަންނަށް ހުރިހާ ގޮތަކުން ވެސް ސަތިއަޕްރޭމް ވަރަށް ހާއްސަ،" ކާތިކް ބުންޏެވެ. "މީގެ ކުރިން ފިލްމެއްގެ މަސައްކަތެއްގައި އަހަރެން ހިއްސާ ނުވާ ވަރަށް މި ފިލްމުގެ ކަންކަމުގައި ހިއްސާ ވެސް ވެވުނު. އެހެންވެ މި ފިލްމު ކުޅެން ލިބުނުކަމަށްޓަކައި އޭގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން."
މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ޝެހެޒާދާ" ގެ ބަތަލު ބުނީ "ސަތިއަޕްރޭމް ކީ ކަތާ" އަކީ ބެލުންތެރިން އެ ފިލްމުގެ ޖާދޫގައި ވަރަށް ބޮޑަށް ޖެހޭނެ ފިލްމެއް ކަމަށެވެ. އަދި މިއީ ބޮލީވުޑްގެ ޓިޕިކަލް ލޯބީގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ބޮލީވުޑް އަސްލު ރަހަ އާއި ކުލަވަރު ގެނެސްދޭނެ ފިލްމެއް ކަމަށް ވެސް ބުންޏެވެ.
"ފިލްމުގެ ވާހަކައިގެ ޕްލޮޓް ވެސް އެހާމެ ހިތްގައިމު. އަހަރެން ބުނާނީ މިއީ ދުވަސްތަކެއް ފަހުން ހިންދީ ސިނަމާ އަށް އަންނަ ހަގީގީ ބޮލީވުޑް ސްޓައިލްގެ ފިލްމެކޭ،" ކާތިކް ބުންޏެވެ.
"ސަތިއަޕްރޭމް ކީ ކަތާ" އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސަމީރު ވިދުވަންސް ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މީގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. އަދި މި ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 2" އަށް ފަހު ކާތިކާއި ކިއާރާގެ ޖޯޑު އެކީގައި ސްކްރީނަށް އަންނަ ދެވަނަ ފިލްމެވެ.