މިމަހުގެ 19 ވަނަ ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށްފަހު ނެގި ކުއްޖާ 24 ގަޑިއިރު ނުވަނީ މަރުވި މައްސަލަ ހެލްތު މިނިސްޓްރީގެ ރިވިއު ކޮމެޓީން ބަލަން ފަށައިފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިއަދު ވިދާޅުވީ މިފަދަ ކޭސް އެއް ދިމާވެއްޖެ ނަމަ ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީން އަބަދުވެސް ބަލާ ކަމަށެވެ. އަދި މި މައްސަލަ ބަލަނީ ވަކި ބަޔަކު ރިޕޯޓްކޮށްގެން ނޫން ކަމަށެވެ.
ހަފްސާ ވިދާޅުވީ މިމައްސަލައިގެ ފުރިހަމަ ރިޕޯޓް ލިބެން ދެތިން ހަފްތާ ނަގާނެކަމަށެވެ.
މަރުވި ތުއްތު ކުއްޖާގެ ބައްޕަ "އައްޑޫލައިވް" މައުލޫމާތު ދެމުން ބުނީ ކުޑަކުއްޖާ މަރުވުމުގައި ޑޮކްޓަރުގެ އިހްމާލުވުން ހިމެނޭ ކަމަށެވެ.
މިމައްސަލަ ފެންމަތިވިއިރު ހޮސްޕިޓަލްގައި އަންހެނުންގެ ޑޮކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައީ އެމްއެންޑީއެފްގެ ޑޮކްޓަރެކެވެ. އޭނާ ވަނީ ކޭސް ފެންމަތިވިތާ 24 ގަޑި އިރު ނުވަނީސް ފުރައިގެން މާލެ ގޮސްފައެވެ.
ހަފްސާ ވިދާޅުވީ ޑޮކްޓަރު ފުރައިގެން ދިއުމާއި، ކުއްޖާ މަރުވި ކޭސްއާއި ގުޅުމެއް ނުވާކަމަށާއި، ޑޮކްޓަރު ހޮސްޕިޓަލަށް އައީ ވަގުތީ ގޮތުން 14 ދުވަހަށް ކަމަށެވެ. އަދި މިމައްސަލަ ދިމާވީ ޑޮކްޓަރު ފުރަން ނިންމާފައި ވަނިކޮށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރު ފުރައިގެން ދިއުމުން މިވަގުތު ހޮސްޕިޓަލްގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ނެތެވެ. ހަފްސާ ވިދާޅުވީ އާ ޑޮކްޓަރަކު މިއަދުގެ ވަގުތެއްގައި އަންނާނެކަމަށެވެ.