Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ބޮންޑް ވިއްކައިގެން އެމްޕީއެލަށް އިން 50 މިލިއަން

އެމްޕީއެލް އަހަރީ އާންމު ޖަލްސާގެ ތެރެއިން ސީއީއޯ ޝާހިދު އަލީ / ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ވިޔަނަ ޕޯޓަލް މެދުވެރިކޮށް ޕްރައިވެޓް މާކެޓަށް ވިއްކަން ލިސްޓު ކުރި ބޮންޑަށް 50 މިލިއަން ރުފިޔާ ހޯދައިފިއެވެ.

އެކުންފުނިން މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހު ލިސްޓު ކުރި ބޮނޑުގެ ޑިއު ޑިލިޖެންސް ހަދައި، ލީޑް އެރޭންޖަރގެ ގޮތުގައި މަސައްކަތް ކުރީ ފަސްޓް ނޭޝަނަލް ކޯޕަރޭޝަނުންނެވެ. އެގޮތުން ޖުމްލަ 200 މިލިއަން ރުފިޔާ އަގު ކުރެވޭ ބޮނޑު ވިއްކަން ނިންމާފައިވަނީ އަހަރެއްގެ ތެރޭގައި ކޮންމެ ބުރެއްގައި 50 މިލިއަން ރެއިޒްކޮށްގެންނެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު ފުރަތަމަ ބުރު ބަނދު ކުރިއިރު، 50 މިލިއަން ބޮންޑަށް ވަނީ ރެއިޒް ކުރެވިފައެވެ.

މިއީ ސަރުކާރު ކުންފުންޏަކުން ކެޕިޓަލް މާކެޓުގައި މިގޮތަށް ބޮންޑެއް ވިއްކައިގެން ފަންޑު ރެއިޒް ކުރި ފުރަތަމަ ފަހަރެވެ. މި ބޮންޑަށް އިންވެސްޓް ކުރި ފަރާތްތަކަށް 7 އަހަރުގެ މުއްދަތެއްގައި ފައިދާ ބަހާނީ 7 އިންސައްތައިގައެވެ. މި ބޮންޑަށް ވަރަށް ބޮޑު ތަރުހީބެއް މުޢައްސަސާތަކުންނާއި އަދި ރީޓެއިލް އިންވެސްޓަރުންގެ ފަރާތުންވެސް ލިބިގެން ގޮސްފައިވެއެވެ. މިއީ އެމްޕީއެލް ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކުން ވިއްކި ރިސްކު ކުޑަ ބޮންޑަކަށް ވުމުން ކަމަށް ލީޑް އެރޭންޖަރ ފަސްޓް ނޭޝަނަލް ކޯޕަރޭޝަނުން ދެކެއެވެ.

އެމްޕީއެލްއިން ބޮނޑެއް ވިއްކަން ނިންމާފައިވަނީ އެކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ މީގެ ކުރިން ވަނީ ބުނެފައެވެ. އަދި މި ބޮނޑަށް އިންވެސްޓް ކުރާ ފަރާތްތަކަށް އިންވެސްޓްމެންޓް އެއްބަސްވުމާއި އެއްގޮތަށް ފައިދާ ލިބޭނެ ކަމުގެ ޔަޤީންކަން އެމްޕީއެލްއިން ވަނީ ދީފައެވެ.

އެމްޕީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާވާ މަދު ކުންފުނިތަކުގެ ތެރޭ ހިމެނޭ ކުންފުންޏެކެވެ. އެގޮތުން އެކުންފުންޏަށް 2022 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 809.41 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ކުންފުނީގެ ސާފު ފައިދާ 112 މިލިއަނަށް ވަނީ އަރާފައެވެ.