ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ދިނުމުގެ ކަންކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ކޮމެޓީން ނިންމާފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހް މިއަދު ނިންމަވައިފިއެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ބިން ދޫކުރުމަށް، ހުޅުވާލައި ބިމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރު މެދެއްހާ ތަނުގައެވެ. މި ސްކީމަށް ކުރިމަތިލި ފަރާތްތަކަށް ބިން ދިނުމާއި ގުޅޭ ކަންކަން ކަނޑައެޅުމަށް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ.
މިކަމާއި ގުޅޭ ކަރުދާހެއް މިއަދު ވަޒީރުންގެ މަޖިލީހަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް ޕްލޭނިންގް އިން ހުށަހެޅިއިރު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި އެކު ސްކީމުގެ ކަންކަން ކޮމެޓީން ކަނޑައެޅި ގޮތަށް ނިންމުމަށް ރައީސް ވަނީ ނިންމަވާފައެވެ. މިކަމުގެ ތަފްސީލު މިނިސްޓްރީން ދާދި އަވަހަށް ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. މި ސްކީމުގެ ދަށުން ބިން ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުންނެވެ.
މި ސްކީމަށް ޖުމްލަ 23،088 ފަރާތަކުން ކުރިމަތިލާފައެވެ. އެއީ 15،164 އެޕްލިކޭޝަން ކަމަށް ސަރުކާރުން ބުނެއެވެ. ސްކީމަށް ކުރިމަތިލި އެޕްލިކޭޝަން ތަކުގެ ތެރޭގައި ކޯ އެޕްލިކެންޓުން ވެސް ހިމެނެއެވެ. މިގޮތަށް އިތުރުވާ ކޮންމެ ކޯ އެޕްލިކެންޓަކަށް 400 އަކަފޫޓު އިތުރުވެއެވެ. އެންމެ ދަށްކޮށް ލިބޭ ބިމުގެ ސައިޒަކީ 1250 އަކަފޫޓެވެ. އަދި 7 މީހުން ނުވަތަ އެއަށް ވުރެ ގިނަ ވާނަމަ ލިބޭނީ 4000 އަކަފޫޓު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.