ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ އޭނަގެ މާމަ، ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރާ އެކީ ޕްރޮފެޝަލްކޮށް އެކީގައި ކުޅުނު ފުރަތަމަ އިޝްތިހާރު ދައްކާލައިފި އެވެ.
މި އިޝްތިހާރަކީ އިންޑިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "މާމާ އާތު" ގެ ފިޔާ ޝޭމްޕޫ އިޝްތިހާރެކެވެ. މީގެ ޝޫޓިންގެ ތެރެއިން ނަގާފައވާ ފޮޓޯއެއް ވެސް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސާރާ އިންސްޓަގްރާމްގައި ހިއްސާކުރި އެވެ. މިހާރު މި އިޝްތިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިރު ސާރާ އާއި މާމަގެ ގުޅުން ވަރަށް ލޯބިކޮށް ދައްކުވައި ދީފައިވެ އެވެ.
އިޝްތިހާރުގައި ފެންނާނީ ސާރާގެ ބޮލުން އިސްތަށި ފައިބާތީ މާމަގެ ލަފާގެ ދަށުން އޭނަ "މާމާ އާތު" ބްރޭންޑްގެ ފިޔާ ބޭނުން ކުރަން ފެށުމުން އެކަމަށް ލިބޭ ހައްލެއް އެވެ. މި އިޝްތިހާރު ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ޓީވީ ޗެނަލްތަކުން ދައްކަމުން ދާނެ އެވެ.
"މާމާ އާތު" ގެ ފިޔާ ޝޭމްޕޫގެ އިޝްތިހާރުތަކެއް މީގެ ކުރިން މަންމަ އަދި ބަތަލާ އަމްރިތާ ސިންގްއާ ވެސް ސާރާ ކުޅެފައިވެ އެވެ. ސާރާގެ މާމަ ޝަރުމީލާ އަކީ ހިންދީ ސިނަމާގައި 1960 އާއި 1970 ގެ ތެރޭގައި އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. ޝަރުމީލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ގުލްމޯހަރު" އެވެ.
މި ހަފުތާގެ ތެރޭގައި ސާރާ ވަނީ އޭނަގެ ބައްޕަ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާނާ އެކީ ވެސް އަލަށް އިޝްތިހާރެއް ކުޅެފަ އެވެ. އޭގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. ކުރިއަރަމުން އަންނަ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 2 ގައި ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބެން އަންނަ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.