ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން އަންހެން ދަރިފުޅު ސުހާނާ ޚާން އަމިއްލަ ގެއެއް ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ މީޑީއަތަކުން ބުނީ ވަރަށް އަވަހަށް ނެޓްފްލިކްސް އަށް ގެންނަން އުޅޭ ފިލްމު "ދި އާޗީސް" އިން ފިލްމީ ދުނިޔެ އަށް ތައާރަފުވާ 22 އަހަރުގެ ސުހާނާ ގެއެއްގެ ގަތީ އިންޑިއާގެ އަސްއްސޭރި ފަށުގެ އަވަށެއް ކަމަށްވާ އަލިބޯގްއިން ކަމަށެވެ. އެތަނުން ހިތްގައިމު ލަގްޒަރީ ގެއެއް ސުހާނާ ގަތް އިރު، އޭނަގެ ބައްޕަގެ އަގުބޮޑު ގެއެއް މިހާރު ވެސް އެތަނުގައި ހުރެ އެވެ. އެގޮތުން އާއިލާއާ އެކީ އަލީބޯގަށް ޝާހްރުކް ޗުއްޓީ އަށް ވަރަށް އާންމުކޮށް ގޮސް އުޅެ އެވެ.
މީޑިއާތަކުން ބުނީ ސުހާނާ ގެއެއް ގަތީ އަލީބޯގް އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ ތާލް ވިލެޖުންނެ ކަމަށެވެ. އަދި އެ ގެއާ ގުޅޭ މުއާމަލާތްތައް ނިންމާފައި ވަނީ މި މަހުގެ 1 ގައި ކަމަށާއި ގޭގެ އަގު 12.91 ކްރޯޑް ރުޕީސް (1.6 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ސުހާނާ ވަނީ ދާދި ފަހުން އެމެރިކާގެ މޭކަޕް ބްރޭންޑެއް ކަމަށްވާ "މެބެލިން" ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ވެސް ސޮއިކޮށްފަ އެވެ.
ޝާހްރުކްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަމިއްލަ ގެއެއް ގަތް އިރު، މަންމަ ގޯރީ ޚާނަކީ އިންޑިިއާގެ ވަރަށް ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރަކެވެ. މުމްބާއީގައި ހުންނަ ޝާހްރުކްގެ ގަނޑުވަރެއް ކަހަލަ އަމިއްލަ ގެ، "މައްނަތު" އަކީ އިންޑިއާގެ އެންމެ އަގުބޮޑު އެއް ގެ އެވެ.
ސުހާނާގެ އިތުރުން ޝާހްރުކްގެ ތިބެނީ އަރިއަން ޚާން، 25، އާއި އަބްރަހް ޚާން، 9، އެވެ.