Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޑްރަގް މައްސަލައެއްގައި 6 މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގެ ކުށް ސާބިތުވެ ހަ މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މާޗް 26، 2020 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހެކެވެ.

ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި، މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސް ދޯންޏަކުން 61.06 ކިލޯގެ ހެރޮއިން އަތުލައިގަތެވެ. މިއީ މ. ބޮއިލިން ފިޝް، އަހުމަދު ވިސާމު އިސްވެ ހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން ހިންގި ކަމެއް ކަމަށާއި މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ކަމަށް ޕްރޮސެކިއުޓަ ޖެރެނަލް (ޕީޖީ) އޮފީހުން ބުނެފައިވެ އެވެ.

އެ މައްސަލައިގައި 11 މީހަކު އަތުލައިގަތެވެ.

އޭގެ ތެރެއިން ހަ މީހެއްގެ މައްޗަށް މައްޗަށް ޓްރެފިކިންގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށާއި، 100،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އަދި އެ ފައިސާ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ދެއްކުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

އުމުރަށް ޖަލަށްލި 6 މީހުންނަކީ:

1. ހުސައިން ސުނާޒް، މ. މުލި/ސޯސަންވިލާ
2. އަހުމަދު ޝިފާޒް، ހުޅުމާލެ ފްލެޓް 06 ޖީ 04
3. އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ
4. މުހައްމަދު މާއިދު، މ. ކޮޅުފުށި/އޯޝަން ވިއު
5. މުހައްމަދު ރިޝްވާން އިބްރާހިމް، މ. މުލި/މުޝްތަރީގެ
6. ސައުދުﷲ ރަޝީދު، މ. ކެޕްރިކޯން

މި މައްސަލައިގައި އިސްކޮށް ހުރި ވިސާމް ބަންދުން ދޫކޮށްލުމަށް ޖެނުއަރީ 24، 2021 ދުވަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށްފަ އެވެ. އެހެންވެ ވިސާމުގެ މައްސަލަ ވެސް އެންމެންގެ މައްސަލައާ އެކު ކުރިއަށް ދިޔަ އެވެ.