އިންޑިއާގައި ދީނީ ގޮތުންނާއި ނަސްލީ ގޮތުން ވެސް ރައްޔިތުުންގެ މެދުގައި އެއްވެސް ތަފާތުކުރުންތަކެއް ނޯންނާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ހަރުކަށީ ހިންދޫންތަކެއް ނިސްބަތްވާ ޕާޓީ، ބީޖޭޕީގެ ލީޑަރު އެމެރިކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޭއްވި ނޫސް ކޮންފަރެންސެއްގައި މޯދީ ވިދާޅުވީ އޭނަ ވެރިކަމަށް ވަަޑައިގަތް ފަހުން އިންޑިއާ އަކީ ގައުމުގެ ހުރިހާ ރައްޔިތުންނާ މެދު ހަމަހަމަކޮށް، އެއް އުސޫލަކުން އަމަލުކުރަމުން އަންނަ ގައުމެއް ކަމަށެވެ.
"އެހެންވެ އަހަރެންގެ ގައުމަކީ ދީނީ ގޮތުންނާއި ނަސްލީ ގޮތުންނާއި އަދި އެ ނޫން ވެސް ގޮތަކުން ރައްޔިތުންމާ މެދު ތަފާތުކުރުންތައް ގެންގުޅޭ ގައުމެއް ނޫން." މޯދީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އިންޑިއާގެ ގާނޫނުއަސާސީ ބައްޓަންވެފައި އޮތީ އެ އަސާސްގެ މައްޗަށް ކަމަށާއި ސަރުކާރުގެ ސިޔާސަތު ވެސް ބިނާވެފައި އޮތޯ އެ އުސޫލުތަކުގެ މައްޗަށް ކަމަށެވެ.
މޯދީ މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ފަހަކަށް އިންޑިއާގެ މައިނޯރިޓީ އާބާދީ ކަމަށްވާ މުސްމިލުންނާ ދެކޮޅަށް އެ ގައުމުގައި ހިންގާ ޖަރީމާތައް ގިނަ އެވެ. ހާއްސަކޮށް ހަރުކަށި ހިންދޫންގެ ފަރާތުން މުސްލިމުންނަށް ދުއްތުރާތަކާއި ފުރައްސާރަތައް ގިނަ އެވެ. އަދި މިފަދަ ކަންކަމަށް ބީޖޭޕީގެ އިސްވެރިން ފާޅުފައި ހިތްވަރު ވެސް ދެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ބީޖޭޕީގެ އަންހެން ލީޑަރަކު އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާކުރި މައްސަލައެއް ވެސް ފެންމަތިވެ، އިސްލާމީ ވަރަށް ގިނަ ގައުމުތަކުގެ ފާޑުކިޔުންތައް މޯދީގެ ސަރުކާރަށް އަމާޒުވި އެވެ.