އާމިރު ޚާން ޕްރޮޑިއުސްކުރާ ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކް ކުޅެން ފަރުހާން އަޚްތަރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމު ކުރިން އާމިރު ކުޅެން އޮތް ނަމަވެސް އޭނަ އެކްޓިން ބްރޭކެއް ނެގުމާ ގުޅިގެން ސަލްމާން ޚާނަށް ވެސް ފިލްމު ހުށަހެޅި އެވެ. އެކަމަކު އޭނަ ތާރީހުގެ ފުށުންއެރިތަކާ ހެދި "ޗެމްޕިއަންސް" ދޫކޮށްލުމުން ރަންބީރް ކަޕޫރަށް ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް ވެސް މިދިޔަ މަހު އެރި އެވެ.
ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ރަންބީރްގެ ބަދަލުގައި ފަރުހާނަށް ފިލްމު ހުށަހެޅުމާ ގުޅިގެން އޭނަ އެއަށް އެއްބަސްވެފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ އޭނަ އަކީ އާމިރު ވެސް ކާސްޓްގައި ހިމަނައިގެން ގެނެސްދިން 2001 ގެ އަލަތު ޑައިރެކްޝަން "ދިލް ޗާތާ ހޭ" ގެ ޑައިރެކްޓަރުކަމެވެ.
މީޑިއާތަކުން ބުނި ގޮތުގައި "ޗެމްޕިއަންސް" އަށް ފަރުހާން މި ދަނޑިވަޅުގައި އެއްބަސްވާން ނިންމި ސަބަބަކީ އޭނަ 2021 ގައި އިއުލާންކުރި ފިލްމު "ޖީ ލޭ ޒަރާ" ގެ ޝޫޓިން މި އަހަރު ވެސް ފެށެން ނެތުމުންނެވެ. ތިން އަންހެން އެކުވެރިންގެ ވާހަކަ ކިޔައިދޭ މި ރޯޑް ޓްރިޕް ފިލްމުގެ ތަރިންނަކީ ޕްރިޔަންކާ ޗޯޕްޅާ އާއި އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ކައިފް އެވެ.
ފިލްމުގެ ޝޫޓިން މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ފަށަން ކުރިން ޕްލޭން ކުރި ނަމަވެސް، ޕްރިޔަންކާގެ ހޮލީވުޑްގެ ޕްރޮޖެކްޓްތަކާ ހެދި "ޖީ ލޭ ޒަރާ" ގެ ޝޫޓިން މި އަހަރު ވެސް ފެށޭނެ ކަމަށް ނުބެލެވޭ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންވެ ފަރުހާން މި ވަގުތަށް އޭގެ މަސައްކަތް ހުއްޓައިލުމަށް ފަހު، އާމިރުގެ ފިލްމަށް އެއްބަސްވާން ނިންމީ ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް އޭނަ ފިލްމަށް ސޮއިކުރިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.
"ޖީ ލޭ ޒަރާ" އަށް ދާދި ފަހުން ފަރުހާން ލޮކޭޝަން ހޯދަން ވެސް ދަތުރުތަކެއް ކުރި އެވެ. މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރުގެ ދަރިފުޅު އަދި ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ކޮއްކޮ ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ޝާހްރުކް ޚާންގެ "ޑޮން 2" އެވެ.
ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި 2018 ގައި ގެނެސްދިން ޗެމްޕިއަންސް (ކެމްޕިއޯނެސް) އަކީ ނުކުޅެދޭ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ހޯދާ ކާމިޔާބީ ދައްކުވައިދިން ވަރަށް މަގުބޫލު ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ ޒޭވިއާ ފެޒާ އެވެ. މީގެ ހިންދީ ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ 2017 ގެ "ޝުބް މަންގަލް ސާވްދާން" ޑައިރެކްޓްކުރި އާރްއެސް ޕްރައްސަނާ އެވެ.