ގޭގައި ހުރެގެން އީ-ފާސް މެެދުވެރިކޮށް ބޭންކުގެ އެކައުންޓެއް ހުޅުވޭ ގޮތް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހަދައިފި އެވެ.
މިއީ ބޭންކަށް ނުގޮސް އެކައުންޓު ހެދުމުގެ ފުރުސަތު ރާއްޖޭގެ ބޭންކެއްގައި ލިބިގެންދާ ފުރަތަމަ ފަހަރެވެ. މިނިޒާމުގެ ތަޢާރަފްކޮށް މިހާރުވެސް އެކައުންޓު ހެދުމަށް ހުށަހެޅޭނެ ކަމަށް އިސްލާމިކް ބޭންކުން ހާމަކުރެއެވެ. މި ޙިދުމަތް ހޯދުމަށް ބޭނުންވަނީ ވެރިފައިޑް އީފާސް އެކައުންޓެއް އެކަނި ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނެއެވެ.
މި ޚިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގައި ބޭނުން ކުރަމުންދާ ޑިޖިޓަލް އައިޑީ، ނުވަތަ އީފާސް ނިޒާމު ބޭންކު ޚިދުމަތަކާއި ގުޅުވާލި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އީފާސް އެޕްލިކޭޝަން މިހާރު ކޮންމެ މީހަކަށްވެސް ފޯނަށް އަޅާލައިގެން ބޭނުން ކުރެވޭއިރު، އައިޑީ ވެރިފައި ކުރުމަށްވެސް މާ ގިނަ ވަގުތެއް ހޭދަ ނުވާ ކަމަށް ވިދާޅުވިއެވެ.
Tonight @MIBmv launched its fully online bank account opening journey. The first @eFaasMv enabled digital banking service in the Maldives. This IA is just the beginning. Thank you Riza and MIB team. https://t.co/Rz9qVfSp0o pic.twitter.com/4p9WrzVTxG
— Mohamed Shareef (@MohmdShareef) June 23, 2023
ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް ބޭންކުގެ ޗީފް އޮޕަރޭޓިން އޮފިސަރ އަހުމަދު ރިޒާ ވިދާޅުވީ، މީގެ ކުރިންވެސް އިސްލާމިކް ބޭންކުގެ ޚިދުމަތްތައް އެޕްލައި ނޮއު ޕޯޓަލް މެދުވެރިކޮށް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް އީފާސް މެދުވެރިކޮށް މީހާ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަމަށް ލުޔެއް ލިބިގެން ދިއުމުން މުޅިން އަލަށް ބޭންކާއި ގުޅޭ ކަސްޓަމަރުންނަށްވެސް އީފާސް މެދުވެރިކޮށް އެކައުންޓު ހެދޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ބޭންކުގެ އެޕްލައި ނޮއު ޕޯޓަލްއަށް އީފާސް-މެދުވެރިކޮށް ވަންނަ ފަރާތްތަކަށް ބޭންކުގެ ލޯން ސްކީމްތަކާއި އެކައުންޓު ހުޅުވުމާއި، ކާޑަށް އެދި ރިކުއެސްޓް ކުރުން ފަދަ ހުރިހާ ޚިދުމަތެއް ލިބިގެން ދާނެ ކަމަށެވެ.
އިސްލާމިކް ބޭންކަކީ އިފާސް ނިޒާމު ޙިދުމަތުގެ ތެރެއަށް އިންޓަގްރޭޓް ކުރި ފުރަތަމަ ބޭންކަށް ވާއިރު، މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކަށްވެސް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޙިދުމަތްތަކާއި ގުޅުމަށް ލިބިގެންދާ ބޮޑު ލުޔެއް ކަމަށް އެބޭންކުން ބުނެއެވެ.