Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޝިވާންގީގެ "ބަރުސާތޭ" ގެ ޕްރީމިއާ ޖުލައި 10 ގައި

މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޝިވާންގީ ޖޯޝީގެ އާ ސިލްސިލާ "ބަރުސާތޭ" އަންނަ މަހުގެ 10 ގައި ސޮނީ ޓީވީން ޕްރީމިއާކުރާނެކަން އިއުލާންކޮށްފި އެވެ.

މީގެ ޕްރޮމޯއެއް ވެސް ދައްކަމުން އަންނަތާ ދުވަސްކޮޅެއް ފަހުން އާ ޕްރޮމޯއަކާ އެކީ ސިލްސިލާ ބެލުންތެރިންނަށް އަންނަ މަހު ގެނެސްދޭން ފަށާނެކަން އިއުލާންކުރީ އިއްޔެ އެވެ. ލޯބީގެ ވާހަކައެއް ކިޔައިދޭނެ "ބަރުސާތޭ" ގެ ބަތަލަކީ މީގެ ކުރިން ވެސް ކާމިޔާބު ސިލްސިލާތަކެއް ކުޅެފައިވާ ކުޝާލް ޓަންޓަނެވެ.

އޭނަގެ ފާހަގަކޮށްލެވޭ ސިލްސިލާތަކުގެ ތެރޭގައި މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން "އޭކް ހަޒާރޯ މޭ މޭރޭ ބެހެނާ ހޭ" އާއި ސޮނީގެ "ބޭހަދު" ހިމެނެ އެވެ.

"ބަރުސާތޭ" އަކީ ކުޝާލް އާއި ޝިވާންގީގެ ޖޯޑު އެކީގައި ބެލުންތެރިންނާ ބައްދަލުކުރާ ފުރަތަމަ ސިލްސިލާ އެވެ.

ޝިވާންގީ އަކީ ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލު ކުޅެގެން މަޝްހޫރުވ ބަތަލާ އެވެ. އެއިން ފަހުން ވަކިވުމަށް ފަހު އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި ކަލާސްގެ މިދިޔަ އަހަރުގެ "ބަލިކާ ވަދޫ 2" އާއި މި އަހަރުގެ މާޗްގައި އެ ޗެނެލުން ދައްކަން ފެށި "ބޭގާބޫ" ހިމެނެ އެވެ.

"ބޭގާބޫ" ގައި ޝިވާންގީ ކުޅުނީ ހާއްސަ ފެނިލުމެއްގެ ރޯލެވެ.

"ބަރުސާތޭ" ގެ އެޕިސޯޑްތައް ސޮނީން ގެނެސްދޭނީ ޖުލައި 10 އިން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމައިން ހުކުރު ދުވަހުގެ ރެއަށެވެ. އެއީ ރާއްޖެ ގަޑިން 7:30 ގަ އެވެ.