Last Updated: July 19, 18:01
Sunday, July 19, 2026
ދުނިޔެ

ބޯނަސް ނުދީގެން ޓްވިޓާ އަށް ދައުވާކޮށްފި

ޓްވިޓާގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ނުދީގެން މުވައްޒަފުންތަކެއް އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ސެން ފްރަންސިސްކޯގެ ފެޑަރަލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ މުވައްޒަފުންނަށް ކުރިން ޓްވިޓާ އިން ދެމުން އައި އަހަރީ ބޯނަސް މި ފަހަރު ލިބިފައި ނުވާ ކަމަށެވެ. އަދި މި ގޮތަށް ދިމާވީ މަހުޖަނު އީލޮން މަސްކް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ޓްވިޓާ ބައްލަވައިގަތް ފަހުން، މުވައްޒަފުންނަށް ދިން ޔަގީންކަމުގެ ތެރޭގައި ކުރިއެކޭ އެއްގޮތަށް އަހަރީ ބޯނަސް ދޭނެ ކަމަށް ބުނެފައި ވަނިކޮށް ކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލާގައ ބުނެފައިވެ އެވެ

ނަމަވެސް ކުންފުނީގެ މިހާރުގެ ވެރިކަން އެކަމުގައި އިހުމާލުވެ، މުވައްޒަފުންގެ ހައްގަކަށް އަރައިގެންފައިވާ ކަމަށް ބުނެފައިވެ އެވެ.

ބޯނަސް ނުލިބުނު މައްސަލާގައި ޓްވިޓާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުގައި އިސްކޮށް ހުރީ މިދިޔަ މަހު ޓްވިޓާ އިން ވަކިވި އެތަނުގެ ކޮމްޕެންސޭޝަން ޔުނިޓްގެ ސީނިއާ ޑިރެކްޓަރެއްގެ މަގާމު އަދާކުރި މާކް މޮބިންގާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުވައްޒަފުންގެ މިދިޔަ އަހަރުގެ އަހަރީ ބޯނަހަށް ޓްވިޓާ އިން މިލިއަނުން ފައިސާ ދޭން ޖެހެ އެވެ.

މިކަމާ ގުޅިގެން ޓްވިޓާ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އީލޮން ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.