ބެލުންތެރިންގެ މަގުބޫލުކަން ހޯދި "ކުލްފީ ކުމާރު ބަޖޭވާލާ" އާއި "ޑޯލީ އަރުމާން ކީ" ފަދަ ސިލްސިލާތައް ކުޅުނު އެކްޓަރު މޯހިތު މަލިކަށް ވެސް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.
މީޑިއާތަކުން ބުނީ ކަލާސް ޓީވީގެ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަންގައި މިދިޔަ އަހަރު ވާދަކޮށް ތިން ވަނަ ހޯދި އެކްޓަރަށް ފުރުސަތު ލިބިފައި ވަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އާ ފިލްމުން ކަމަށެވެ. ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ އެކްޝަން އެޑްވެންޗާއެކެވެ. އަދި ފިލްމަކީ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ އާއި އަޖޭ ދޭވްގަނަށް ބޮޑުބޭބެ ކިޔާ އަމަން ދޭވްގަން ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމު ވެސް މެ އެވެ.
މީގެ ކާސްޓްގައި އަޖޭ އާއި ޑަޔާނާ ޕެންޓީ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީޑިއާތަކުން ބުނީ އަބީޝެކްގެ މި ފިލްމުގައި މޯހިތު ވަރަށް ވަރުގަދަ ތަފާތު ރޯލެއް ކުޅޭނެ ކަމަށާއި އޭނަ މިހާރު ވެސް ރޯލަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަބީޝެކަކީ ޓީވީ އެކްޓަރު އަދި ފަހުން ބޮލީވުޑުން ބޮޑު މަޝްހޫރު ކަމެއް ހޯދި ސުޝާންތު ސިންގް ރާޖްޕޫތު ވެސް ބޮލީވުޑަށް ނެރުނު ޑައިރެކްޓަރެވެ.
އޭނަގެ 2013 ގެ "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނެރެދިން ސުޝާންތު ވަނީ 2020 ގައި ދަންޖެހިގެން މަރުވެފަ އެވެ.
"ރޮކް އޮން" އާއި "ފިތޫރު" އަދި "ކޭދަރުނާތު" ވެސް ގެނެސްދިން އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރާ އެކީ ގެނެސްދިން "ޗަންދީގަޅް ކަރޭ އާޝިގީ" އެވެ.
އޭނަގެ އާ ފިލްމުން މޯހިތަށް ފުރުސަތު ދިން އިރު، 39 އަހަރުގެ އެކްޓަރު އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން 2020-2021 އަށް ގެނެސްދިން "ލޮކްޑައުން ކީ ލަވްސްޓޯރީ" އެވެ.