ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަހުތީގެ އަޑުން ރެކޯޑްކޮށްފައިވާ ފުރަތަމަ ސޯލޯ ލަވަ ވީޑިއޯއާ އެކީ އާންމުކޮށްފި އެވެ.
"ސެކްސީ އިން މައި ޑްރެސް" ގެ ނަން ދީފައިވާ މި އިނގިރޭސި ލަވައިން ވެސް ނޯރާގެ ނެށުންތަކެއް ދައްކާލާފައިވެ އެވެ. ލަވަ ކިޔައި، އޭގެ ވީޑިއޯ ކުޅުމުގެ އިތުރަށް މި ލަވަ އަކީ ނޯރާ އަމިއްލަ އަށް ޕްރޮޑިއުސް ވެސް ކޮށްފައިވާ އެއްޗެކެވެ. އޭނަގެ ޔޫޓިއުބް ޗެނެލުން ލަވަ ބަލާލެވޭނެ އެވެ.
ނޯރާ މީގެ ކުރިން ކީ ލަވަތަކުގެ ތެރޭގައި އޭނަގެ ވިދުން ގަދަކޮށްދިން ލަވަ 2018 ގެ ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގެ "ދިލްބަރު" ގެ މޮރޮކޯ ވާޝަން ހިމެނެ އެވެ.
ނޯރާ ވަނީ މިހާތަނަށް އެތައް ލަވައެއްގައި ނެށުންތައް ދައްކާލައިގެން އެތައް ބައެއްގެ ހިތްތައް އަތުލައިފަ އެވެ. އޭނަގެ ލަވަތަކުގެ ތެރޭގައި "އޮ ސާކީ ސާކީ"، "ގަރުމީ"، "ކުސޫ ކުސޫ"، "އޭކް ތޮ ކަމް ޒިންދަގާނީ"، "ކަމަރިއާ" އަދި "މަނިކެ" ހިމެނެ އެވެ.