Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އެމްޑީޕީގެ ޓީމުތައް މަނަދޫ ދާއިރާގައި ދޮރުންދޮރަށް

ފޮޓޯ: އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ކެމްޕޭން ޓީމްތަކުން މަނަދޫ ދާއިރާގެ ރަށްތަކުގައި ދޮރުން ދޮރަށް ހަރަކާތް ފަށައިފިއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާއިރު އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް އަންނަނީ އެކި ދާއިރާތަކުގައި ހިންގަމުންނެވެ.

އެގޮތުން މަނަދޫ ދާއިރާގެ ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް ހިންގެވުމަށް އެދާއިރާއަށް ވަޑައިގެން މިވަގުތު އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ ނ އަދި ބ އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް، މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން އަދި އެމްޑީޕީ މަނަދޫ ދާއިރާ ރައީސް މުހައްމަދު ތާރިގްއެވެ.

މިދަތުރުގެ ތެރެއިން ވަނީ މަނަދޫގެ ކެމްޕެއިން ޓީމާއި ބައްދަލުކޮށް މަޝްވަރާ ކުރިއަށް ގެންގޮސްފައެވެ. އަދި އިއްޔެ ވަނީ މަނަދޫގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން މިއަދު އަންނަނީ ލަންދޫގައި ވެސް ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދަމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް ސޯލިހް ވާދަކުރައްވާއިރު އެމަނިކުފާނުގެ ކެމްޕޭނަށް އެކި އަތޮޅުތަކަށް ވަނީ ކޯޑިނޭޓަރުން ހަމަޖައްސަވާފައެވެ. އަދި ކެމްޕޭން ޓީމްތަކާ އެކު ބައްދަލުވުންތައް ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުމަށް އަންނަނީ ތައްޔާރުވަމުނެވެ.