Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ސްޕެޝަލް އޮލިމްޕިކްސް އިން ރާއްޖެއަށް ދެ ރަން މެޑަލް

ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ އައިޝަތު މާނިއާ އާދަމް އަދި އައިޝަތު ލައިކާ ހުސައިން ރަން މެޑަލް ހޯދައިފި އެވެ.

ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސް އިން މާނިއާ ރަން މެޑަލް ހޯދީ ޑިވިޝަން އެކެއްގެ ބެޑްމިންޓަން އިވެންޓުގައި ބަލްގޭރިއާގެ ކުޅުންތެރިއެއްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް މާނިއާ ގެންދިޔައީ 19-21 އަދި 10-21 އިންނެވެ.

މިއީ ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖެ އިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ލައިކާ ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމުންނެވެ. މިއީ މިފަހަރުގެ ގޭމްސްގައި އެތްލެޓިކްސް އިން ރާއްޖެ އިން ހޯދި ދެވަނަ މެޑަލް އެވެ. މި ގޭމްސްގައި މީގެކުރިން ރާއްޖޭގެ ޒާނާ އަލީ ޝަރީފް ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ޒާނާ މެޑަލް ހާސިލުކުރީ ލެވެލް ސީ – ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުންނެވެ.

މީގެ ކުރިން ރާއްޖެއިން 2019 ވަނަ އަހަރު ޑުބާއީގައި އޮތް ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވެސް ވާދަކޮށްފައިވާ އިރު އެފަހަރު ވާދަކުރީ އެތުލެޓިކްސްގައި އެކަންޏެވެ.